27 Apr 2019, 19:27
އާދިއްތަދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާ ރޭވިކަމަށް ބުނާ ޒަހްރާން ހަޝްމީގެ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ޒަހްރާންގެ ޑްރައިވަރު ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށާއި އޭނާ ހުރީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ޑްރައިވަރު ހައްޔަރުކޮށްފައިވަނީ ކޮލަމްބޯ އިން ކަޓަންކުޑީ އަށް ދަތުރުކުރަމުންދިޔަ ބަހަކުންނެވެ.
މީގެ އިތުރުން ޖާނު ގޮއްވާލައިގެން ލަންކާގައި ދިން ހަމަލާތައް ޕްލޭންކުރީ ކޮން ގެތަކެއްގައި ކަން ދެނެގަނެވިފައިވާ ކަމަށާއި އެތަނުން ހަތަރު ގެއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ލަންކާ ފުލުހުން ބުންޏެވެ. މި ގެތަކަކީ ސަމަންތުރައި، ސައިންތަމަރަދޫ އަދިނިންޑަވުރް ގައި ހުރި ގެތަކެއް ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފައެވެ.
ލަންކާ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު އެގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއެކު ސިފައިންނާ ފުލުހުން ދަނީ ބަލާ ފާސްކުރުމުގެ ހަރަކާތެއް ހިންގަމުންނެވެ.