27 Apr 2019, 18:32
ހުޅުމާލޭ ހުޅަނގު ފަރާތުގައި އަލަށް އިމާރާތްކުރި ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް 871 މީހަކު ކުރިމަތިލާފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
މާރުކޭޓު ގޮޅިތަކަށް ފޯމު ހުށަހެޅުން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހު އެވެ.
ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނެގުން މާދަމާ ބާއްވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ. ގުުރު ނެގުން އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ހުރަވީ ސްކޫލުގަ އެވެ.
އަލަށް ހެދި ލޯކަލް މާރުކޭޓު ނުވަތަ ރަށުމާރުކޭޓުގެ ގޮޅިތަކަށް އެދި ކުރިމަތިލީ މީހުންގެލިސްޓުވެސް އެޗްޑީސީ އިން ވަނީ އާންމުކޮށްފަ އެވެ.
ރަށު މާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮއަގުގައި އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ގާއިމް ކުރި މާރުކޭޓެއް ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާ ހަވާލުކޮށްގެން ހެދި އެ ލޯކަލް މާރުކޭޓުގައި މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް ވިއްކުމަށް 69.45 އަކަފޫޓުގެ 37 ގޮޅި އާއި ރޯމަސް ވިއްކުމަށް ހާޢްސަ 69.45 އަކަފޫޓުގެ 20 ގޮޅި ހުންނާނެ އެވެ. އެ ގޮޅިތައް ތަރައްގީކޮށްފައިވަނީ އަސާސީ ވަސީލަތްތަކާ އެކު އެެވެ.