20 Oct 2011, 09:31
އިސްލާމް އާބާދް: (އޮކްޓޯބަރ 20) ޕާކިސްތާނަކީ އަފްޣާނިސްތާނާއި ޢިރާޤު ކަމަށް ހީނުކުރުމަށާއި ޕާކިސްތާނާ ހަނގުރާމަ ކުރުމުގެ ވިސްނުން ދޫކޮށްލުމަށް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤް ކިޔާނީ އެމެރިކާއަށް ގޮވާލައްވައިފިއެވެ.
ޕާކިސްތާނުގެ ޕާލަމެންޓްގެ ޤައުމީ ދިފާޢާބެހޭ ކޮމިޓީ ގެ މެންބަރަކު ވިދާޅުވީ މިމޭރުމުން ޖެނެރަލް ކިޔާނީ ވާހަކަ ދެއްކެވީ އެކޮމިޓީއަށް އޭނާ ޙާޒިރުވެ ވަޑައިގެން ބޭއްވި ސިއްރު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ނަންހާމަކުރަންނޭދޭ މި މެންބަރު ރޮއިޓާސް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އެކަމުގެ ނުރައްކަލާމެދު 10 ފަހަރު އެމެރިކާ ވިސްނަންޖެހޭނެ ކަމަށް. އަދި ޕާކިސްތާނާ ދިމާކުރުމަށްވުރެ އެމެރިކާއަށް މަސްލަޙަތުހުރީ އަފްޣާނިސްތާނުން ކާމިޔާބެއް ލިބޭތޯ ބެލުން ކަމަށްވެސް ޖެނެރަލް ކިޔާނީ ވިދާޅުވިއެވެ.
އެމެރިކާއާއި ޕާކިސްތާނާ ދެމެދު މައްސަލަ ޖެހިފައިވަނީ އުސާމާ ބިންލާދިން އަވަހާރަކޮށްލުމަށް ކަމަށްބުނެ މިދިޔަ މޭމަހު ޕާކިސްތާނުގެ އެތެރެއަށް ހުއްދައަކާނުލާ އެމެރިކާ ސިފައިން ވަދެ ހިންގާފައިވާ ޢަސްކަރީ ސިއްރު އޮޕަރޭޝަންގެ ސަބަބުންނާއި އަފްޣާނިސްތާނުގެ ޙައްޤާނީ ޖަމާއަތަށް ޕާކިސްތާނުން އެހީވާކަމަށް އެމެރިކާ ކުރަމުން ގެންދާ ތުހުމަތުތަކާ ގުޅިގެންނެެވެ.
ޕާކިސްތާނަކީ ނިއުކްލިޔަރ ބާރަކަށްވުމުގެ އިތުރުން އަފްޣާނިސްތާނުގައި އެމެރިކާ ކުރާ ހަނގުމާއަށް ބޭނުންވާ ސައިޕްލައިގެ 70% ވެސް ޕާކިސްތާން މެދުވެރިކޮށް ގެންދަނީ ޕާކިސްތާނުންނެވެ. ޕާކިސްތާނާ ދުޝްމަންވެގެން ބޮޑެތި ދަތިތަކެއް އެމެރިކާއަށް ކުރިމަތިވާނެ ކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)