އަވައްޓެރި ސްރީލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިން އާންމުކޮށް ބޭރަށް ނިކުމެ ނޫޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި އަންނަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި އެއާއެކު ކޮންމެ ރެޔަކު 10:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް އިއުލާން ކުރެ އެވެ. ކާފިއު ހިންގާ ވަގުތުތަކުގައި މަގުބޫލު އުޒުރެއް ނެތި ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މުހައްމަދު މިއުވާން މިއަދު "ސަން" އަށް ވިދާޅުވީ، ބައެއް ދިވެހިން ބޭރަށް ނިކުމެ ފޮޓޯ ނަގާ ކަންތައް ކުރަމުންދާ ކަމަށް މައުލޫމަތު ލިބޭ ކަމަށާއި ސަލާމަތީ ގޮތުން އެ ގައުމުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެފަދަ ކަންތައް ނުކުރުމަށް ފޮރިން މިނިސްޓްރީ އިން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

އެގޮތުން ލަންކާ އާންމު ހާލަތަކަށް އަންނަދެން އެ ގައުމުގައި އުޅޭ ދިވެހިން ބޭރަށް ނިކުމެ ނޫޅުމަށާއި ހާއްސަކޮށް ކާފިއު ވަގުތުތަކުގައި ބޭރުގައި ނޫޅުމަށް އިލްތިމާސް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި މިހާރު ފުލުހުން ހިންގަމުންދާ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި ހަ ދިވެއްސަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން އިއްޔެ ހައްޔަރު ކުރި ދެ މީހެއްގެ ބަންދަށް ވަނީ 13 ދުވަސް ޖަހައިފަ އެވެ. ބާކީ ތިބި ހަތަރު ދިވެހިން ހޯމަ ދުވަހު ދޫކޮށްލުމަށް ވަނީ ހަމަ ޖެހިފަ އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކޮންސިއުލާ ހިދުމަތްތައް ބޭނުންވާ ދިވެހިންނަށް މިހަފްތާ ބަންދުގައި ވެސް ކޮންސިއުލާ ހިދުމަތްތައް ދިވެހި އެމްބަސީން ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް އެމްބަސީން ވަނީ އެގައުމުގައި އުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފަ އެވެ.