ލަންކާގައި މިހާރު ހިނގަމުންދާ ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި އެއްވެސް ދިވެއްސެއްގެ އަތުން މަސްތުވާތަކެތި ނުފެންނަ ކަމަށް އެގައުމުގައި ހުންނަވާ ދިވެހި ސަފީރު، އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހައްޔަރު ކުރި ހަތަރު ދިވެއްސެއްގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަމާ ގުޅިގެން އުމަރު އަބްދުއްރައްޒާގު މިއަދު "ސަން" އަށް ވިދާޅުވީ، އެއީ ދޮގު ވާހަކައެއް ކަމަށާއި ހަޔައްރު ކުރި އެއްވެސް ދިވެއްސެއްގެ އަތުން މަސްތުވާތަކެތި ނުފެންނަ ކަމަށެވެ.

"އެއީ ދޮގު ވާހަކައެއް. އެކަހަލަ މައުލޫމާތެއް ނެތް،" ސަފީރު ވިދާޅުވި އެވެ.

މިިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ފުލުހުން ދަނީ ހުރިހާ ގެއެއްކަށް ވަދެ ބަލައި ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އެ އޮޕަރޭޝަންތަކުގައި ހަ ދިވެއްސަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން އިއްޔެ ހައްޔަރު ކުރި ދެ މީހެއްގެ ބަންދަށް ވަނީ 13 ދުވަސް ޖަހާފަ އެވެ. ބާކީ ތިބި ހަތަރު ދިވެހިން ހޯމަ ދުވަހު ދޫކޮށްލުމަށް ވަނީ ހަމަ ޖެހިފަ އެވެ.

ލަންކާގައި މިހާރު ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި އިއްޔެ އެކަނި 20 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

ލަންކާގެ އަށް ސަރަހަށްދަކަށް ބޮމުގެ ހަމަލާ ތަކެއް ދީފައިވާއިރު، މަރުވި މީހުން އަދަދު 250 އަށް އަރައެވެ. އަދި ޒަހަމްވި މީހުން އަދަދު 500 އަށް ވުރެ ގިނަ އެވެ.