ލަންކާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރު ކުރި ހަތަރު ދިވެއްސަކު ހޯމަ ދުވަހު ދޫކޮށްލާނެ ކަމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއް ރައްޒާގު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ނިގަމްބޯގައި ހުންނަ ލަޔަން ސިޓީގައި ދިރިއުޅޭ، އިންޖިނިއަރިން ކިޔަވަމުންދާ ހަތަރު ކުދިން ހައްޔަރު ކޮށްފައިވަނީ، ފޭކް ލައިސެސްއަކާއެކު އެއާ ރައިފަލްއެއް ގެންގުޅުމުގެ ސަބަބުންނެވެ.

އުމަރު އަބްދުއްރައްޒާގު "ސަން" އަށް ވިދާޅުވީ، ހަތަރު ދިވެހިންނަށް އެއްވެސް ދައުވާއެއް ނެތް ކަމަށާއި ހަތަރު ދިވެހިން ހޯމަ ދުވަހު ދޫކޮށްލާނެ ކަމަށެވެ.

"އެ ހަތަރު ދިވެހިންނާ ހޯމަ ދުވަހު ހަވާލުވާން އަންނަން އޮތީ އާއިލާއަށް އަންގާފައި،" އުމަރު އަބްދުއްރައްޒާގު ވިދާޅުވި އެވެ.

ހަތަރު ދިވެހިން ހޯމަ ދުވަހު ދޫކޮށްލަން ނިންމާފައިވާއިރު، ލަންކާގައި އިއްޔެ ހައްޔަރު ކުރި އިތުރު ދެ ދިވެއްސެއްގެ ބަންދުގެ މުއްދުވަނީ އަންނަ މަހު 10 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފަ އެވެ. އަދި އެކަން އުމަރު އަބްދުއްރަޒާގު ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ބަންދުގެ މުއްދަތު އިތުރުކުރި ދެ ދިވެހިން ހައްޔަރު ކުރީ އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު، އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އެވެ.

މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ފުލުހުން ދަނީ، ކޮންމެ ގެއަކަށް ވަދެ ބަލައި ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުން އެވެ. މި އޮޕަރޭޝަންގައި އިއްޔެ އެކަނި 20 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިންނެވެ. އަދި އައިސިސް އިން ވަނީ ހަމަލާގެ ޒިންމާ ނަގައިފަ އެވެ.

ލަންކާގެ އަށް ސަރަހަށްދަކަށް ބޮމުގެ ހަމަލާ ތަކެއް ދީފައިވާއިރު، މަރުވި މީހުން އަދަދު 250 އަށް އަރައެވެ. އަދި ޒަހަމްވި މީހުން އަދަދު 500 އަށް ވުރެ ގިނަ އެވެ.