27 Apr 2019, 14:12
ސްރީލަންކާގެ ފުލުހުން މިހާރު ހިންގަމުން ދާ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު އަބްދުއްރައްޒާގު "ސަން"އަށް ވިދާޅުވީ، ލަންކާއިން ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ދެ ދިވެއްސެއްގެ ބަންދު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކޯޓުން މިއަދު އިތުރުކޮށްފައިވާ ކަމަށެވެ.
މައުންޓް ލެވޭނިއާ ކޯޓުން މިއަދު ބަންދުގެ މުއްދަތު ޖެހީ މި ހަފްތާ ތެރޭ ނުގޭގޮޑާ އިން ހައްޔަރު ކުރި ދެ ދިވެހިން އެވެ. އެ މީހުން ހައްޔަރު ކުރީ ދިރިއުޅޭ ގެއިން އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އެވެ.
އަދިވެސް އެ ގައުމުގެ ފުލުހުންގެ ބަންދުގައި ހަތަރު ދިވެއްސަކު އެބަ ތިއްބެވެ. އެ މީހުން ހައްޔަރު ކުރީ، ފޭކް ލައިސަންސެއްގެ ދަށުން ގެންގުޅުނު ރައިފަލްއެއް އެ މީހުންގެ ގެއިން ފެނިގެން އެވެ.
މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ފުލުހުން ދަނީ، ކޮންމެ ގެއަކަށް ވަދެ ބަލައި ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުން އެވެ. މި އޮޕަރޭޝަންގައި އިއްޔެ އެކަނި 20 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ލަންކާގެ ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިންނެވެ. އައިސިސް އިން ވަނީ ހަމަލާ ޒިންމާ ނަގާފަ އެވެ.
ލަންކާގެ އަށް ސަރަހަށްދަކަށް ބޮމުގެ ހަމަލާ ތަކެއް ދީފައިވާއިރު، މަރުވި މީހުން އަދަދު 250 އަށް އަރައެވެ. އަދި ޒަހަމްވި މީހުން އަދަދު 500 އަށް ވުރެ ގިނަ އެވެ.