27 Apr 2019, 14:07
ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔުމަށް ފަހު ހާލުގައި ޖެހިފައި ތިބި 30 އަކަށް ދިވެއްސަކު އެނބުރި ރާއްޖެ އައުމަށް އެދެން ފަށައިފި އެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވެސް މީގެ ކުރިން ބުނެފައި ވަނީ ސީރިޔާއަށް ދިޔަ ބައެއް ދިވެހިން ހާލުގައި ޖެހި އަނބުރާ ރާއްޖެ އަންނަން އެދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭރު ހާމަ ކޮށްފައެއް ނުވެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި ރާއްޖެ ގެނައުމަށް ބޭނުން ވެގެން އާއިލާތަކުން އެދިފައި ވަނީ އިރާގު ބޯޑަރު ކައިރިން ސީރިޔާގައި ގާއިމްކޮށްފައިވާ "އަލް ހައުލް ރެފިއުޖީ ކޭމްޕް"ގައި ތިބި ދިވެހި އަންހެނުންތަކެކެވެ. އިސްލާމިކް ސްޓޭޓް ނޫނީ އައިއެސްގެ ހަނގުރާމަވެރިންގެ އަނބިން ގިނަ އަދަދަކަށް ހިމާޔަތް ހޯދަމުން އަންނަ އެ ކޭމްޕްގައި ތިބި ދިވެހި އަންހެނުންގެ އުމުރު އުޅެނީ ގާތްގަނޑަކަށް 20-33 އަކާ ދެމެދުގަ އެވެ. އޭގެ ތެރެއިން ގިނަ އަންހެނުން އެ މީހުންގެ ދިވެހި ފިރިންނާ އެކު ސީރިޔާއަށް ދިޔަ ނަމަވެސް، ހަނގުރާމައިގައި އެ މީހުން މަރުވެ، ހުވަފަތް ވުމުން އެހެން ހަނގުރާމަވެރިންނާ އިނދެ ބައެއް އަންހެނުންނަށް ދަރިން ވެސް ލިބިފައިވެ އެވެ.

އަލް ހައުލް ރެފިއުޖީ ކޭމްޕް ހުންނަ ސަރަހައްދު އަދި އެހެނިހެން ވެސް ރެފިއުޖީ ކޭމްޕްތައް.
"އެ މީހުން އާއިލާތަކާ ކޮންޓެކްޓްކޮށްފައި އެބަ ބުނޭ ވަރަށް ހާލުގައޭ މި އުޅެނީ ރާއްޖެ ގެނެސްދޭށޭ. އެހެންވެ އާއިލާތަކުގެ ފަރާތުން އެކަމަށް އެޕީލް ކުރަމުން ދަނީ. ގާތްގަނޑަކަށް 30 އަކަށް ދިވެހިން އެބަ އުޅޭ،" ސީރިޔާއަށް ދިޔަ ދިވެއްސަކާ އާއިލީ ގޮތުން ގުޅުން އޮންނަ މީހަކު ބުންޏެވެ.
ދިވެހިން ގިނަ އަދަދަކަށް ތިބި "އަލް ހައުލް ރެފިއުޖީ ކޭމްޕް"ގައި 48 ގައުމަކަށް ނިސްބަތްވާ، 74،000 މީހުން ތިބި އިރު އެކަށީގެންވާ ވަރަށް ކާނާ އާއި ސާފު ބޯފެން ނުލިބި އެ ކޭމްޕްގެ ހާލަތު އޮތީ ވަރަށް ވެސް ދަށް ހާލަތެއްގަ އެވެ. އަދި އެކަށީގެންވާ ކާނާ ނުލިބިގެން އެ ކޭމްޕްގައި މަރުވާ ތުއްތު ކުދިންގެ އަދަދު ވަރަށް ވެސް ގިނަ އެވެ.
ސަރުކާރުގެ އޮފިޝަލަކު ވެސް ޔަގީންކޮށްދެއްވި ގޮތުގައި އެ ރެފިއުޖީ ކޭމްޕްގައި ވަރަށް ބޮޑަށް ހާލުގައި ޖެހިފައި ތިބި ދިވެހި އަންހެނުންތަކެއް އެބަ ތިއްބެވެ. އޭގެ ތެރެއިން ބަޔަކު ރާއްޖެ އަންނަން ބޭނުން ވެގެން އެކަމުގެ މަޝްވަރާތައް ކުރިއަށް ދާކަން އޭނާ ޔަގީންކޮށްދެއްވި އެވެ. އެހެން ނަމަވެސް ތަފްސީލަށް އޭނާ ވަޑައެއް ނުގެންނެވި އެވެ.
އެ ކޭމްޕްގައި ތިބި ދިވެހި އަންހެނުންގެ އިތުރުން ބައެއް ދިވެހި ފިރިހެނުން ވެސް އެ ކޭމްޕްގައި އެބަ ތިއްބެވެ. އަދި ތިން އަހަރާއި ފަސް އަހަރަށް ދާ ދިވެހި ކުޑަކުދިން ވެސް ތިބި ކަމަށްވެ އެވެ.
މީގެ އިތުރުން ސީރިޔާގެ އެހެން ބައެއް ކޭމްޕްތަކުގައި ވެސް ދިވެހިން އެބަ ތިއްބެވެ. ޖުމްލަ 60 އެއްހާ ދިވެހިން ސީރިޔާ ހަނގުރާމަޔަށް ގޮސްފައިވާ ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ހަނގުރާމައިގެ ތެރޭގައި މަރުވެސްވެފަ އެވެ.
ދިވެހިން ހާލުގައި ޖެހި ރާއްޖެ އަންނަން އެދުނު ނަމަވެސް، އެ މީހުން ރާއްޖެ ގެނައުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އެ މީހުންގެ އަތުގައި އެއްވެސް އޮފިޝަލް ޑޮކިއުމަންޓެއް ނެތުން ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކި ދިވެހިން ތިބީ އެކި ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮންނަ ކޭމްޕްތަކުގައި ކަމަށް ވާތީ، އެ ތަންތަނުން ދިވެހިން ދޫކުރުމުގައި ޝަރުތުތައް ވެސް ކުރިމަތި ކުރާ ކަމަށްވެ އެވެ.