ލަންކާގައި ރޭ ހަނގުރާމަވެރި ޖަމާއަތަކާއި އެގައުމުގެ ފުލުހުނާ ހިނގި ކުރިމަތި ލުމެއްގައި 15 މީހަކު މަރުވެއްޖެއެވެ. އޭގެ ތެރޭގައި ހަ ކުޑަ ކުދިން ހިމެނެވެ.

މި ކުރިމަތި ހިނގައިފައިވަނީ، މިދިޔަ އާދިއްތަ ދުވަހު އެގައުމުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޝައްކުކުރެވޭ މީހުން ހޯދަން އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހނގާފައިވަނީ، އާދިއްތަ ދުވަހު ދިން ހަމަލާގެ އަޑިގައި ހުރި ކަމަށް ބެލެވޭ، ޒަހްރާން ހާޝިމީގެ ގެޔާ ދުރުނޫން ހިސާބެއްގައި ކަމަށެވެ.

އެސަރަހައްދުގައި ފުލުހުންނާ ހަނގުރާމަވެރިންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރި ތަނުން މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުންގެ ހަށިގަނޑު ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެވަގުތު އެ ސަރަހައްދުގައި ހުރި ގެޔެއް ބަލާ ފާސްކުރި އިރު، ގޮވާ ތަކެއްޗާއި ޑްރޯންއެއްފުލުހުންނަށް ފެނިފައިވާ ކަމަށް މިޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ފުލުހުން ދަނީ އެގައުމުގެ ކޮންމެ ގެއަކަށް ވަދެ ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން އިއްޔެ ފުލުހުން ބަލާ ފާސްކުރި ގެޔަކުން ގޮވާތަކެތި ހެނދުމަށްޓަކައި ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކާއި، ހައްދުފަހަނަ އަޅާފައިވާ ހަނގުރާރަމެވެރި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ދިދައެއްވެސް ފެނިފައެވެ.

ލަންކާގެ ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިންނެވެ. އަދި އެމީހުން ހަމަލާ ދިނީ ބައިނަލްއަގުވާމީ އެހީއާ އެއްކޮށެވެ. އަދި އެއާއެކު އައިސިސް އިން ވަނީ ހަމަލާ ޒިންމާ ނަގާފައެވެ.

ފުލުހުން އިއްޔެ އިޕަރޭޝަން ތަކުގައި 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

ލަންކާގެ އަށް ސަރަހަށްދަކަށް ބޮމުގެ ހަމަލާ ތަކެއް ދީފައިވާއިރު، މަރުވި މީހުން އަދަދު 250 އަށް އަރައެވެ. އަދި ޒަހަމްވި މީހުން އަދަދު 500 އަށް ވުރެ ގިނަ އެވެ.