27 Apr 2019, 13:58
ހުޅުމާލޭގައި އަޅަން ނިންމި ސީ ލައިފް ފްލެޓަށް ޑައުންޕޭމަންޓް ދެއްކި މީހުން އެއްވެގެން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
އެ ހިނގާލުން އިންތިޒާމްކުރާ މީހަކު މިއަދު "ސަން" އަށް ބުނީ އަންނަ ހުކުރު ދުވަހު ބާއްވާ ހިނގާލުން ފައްޓާނީ އެ ދުވަހު ހަވީރު 16:30ގައި އެޗްޑީސީ ކުރިމަތިން ކަމަށެވެ.
ސީލައިފްއަށް ރުފިޔާ ދައްކާފައިވާ މީހުން އެއްވެގެން އެ ހިނގާލުން ބާއްވާ އިރު ޖުމްލަ 50 މީހުންނާއި އެ މީހުންގެ އާއިލާތަކުން އެ ހިނގާލުމުގައި ބައިވެރިވާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ އިންސާފު އަވަސްކުރުމަށް ގޮވާލުމުގެ ގޮތުން ބާއްވާ ހިނގާލުމެއް. ހިނގާލުން ނިންމާލާނީ ސީލައިފް ސައިޓާ ހަމައަށް،"
ކޮރަޕްޝަން އާ ދެކޮޅަށް އަޑުއުފައި އާންމު ރައްޔިތުންނަށް ވެސް އެ ހިނގާލުމުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ބުންޏެވެ.
ސީލައިފުން ހުޅުމާލޭގައި އަޅަން ނިންމި ފްލެޓްތަކަށް އިއުލާންކުރުމުން، އެތަނުން ފްލެޓް ގަތުމަށް ޝައުގުވެރިވި މީހުން، މީހަކު 50،000 ރުފިޔާ ދެއްކި އެވެ. ނަމަވެސް އޭގެ ފަހުން ތިން އަހަރުވި އިރު ވެސް ފެލެޓު އެޅުމުގެ މަސައްކަތް ނުފަށާ އިރު ފައިސާ ދެއްކި މީހުންނަށް ފައިސާ ވެސް ދީފައެއް ނުވެ އެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ނަގައިފަ އެވެ.
އެތައް އަހަރެއްވީ އިރު ވެސް މަސައްކަތް ނުފެށި ވާތީ، އެ ފައިސާ އަނބުރައި ހޯދުމަށް ސީލައިފްގެ މައްޗަށް ދައުވާކުރަން ވެސް ގިނަ ބަޔަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.