27 Apr 2019, 13:08
މިދިޔަ ހަފްތާގައި ސްރީލަންކާގައި ދިން ބޮމުގެ ހަމަަލާއާ ގުޅިގެން މިހަފްތާ ބަންދުގައި ވެސް ކޮންސިއުލާ ހިދުމަތްތައް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ލަންކާއަށް ހަފްތާ ބަންދު ކަމުގައިވާ، ހޮނިހިރު އަދި އާދިއްތަ ދުވަހަކީ، އެމްބަސީ ބަންދު ދުވަހެކެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ، މި ހަފްތާ ބަންދުގައި ކޮންސިއުލާ ހިދުމަތް ދިނުމަށް އެމްބަސީ ހުޅުވާފައި ހުންނާނެ ކަމަށެވެ.
ލަންކާގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާއިރު، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް އެމްބަސީން ވަނީ އެގައުމުގައި އުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.
ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ސިލްސިލާ ގޮތެއްގައި އެގައުމުގައި ކޮންމެ ރެޔަކު 10:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާން ކުރެއެވެ. ކާފިއު ހިންގާ ވަގުތުތަކުގައި މަގުބޫލު އުޒުރެއް ނެތި ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.
ލަންކާގެ އަށް ސަރަހަށްދަކަށް ބޮމުގެ ހަމަލާތަކެއް ދިފައިވާއިރު، މަރުވި މީހުންގެ އަދަދު 250 އަށް އަރައެވެ. ޒަހަމްވި މީހުންގެ އަދަދު 500 އަށް ވުރެ ގިނަ އެވެ.
ލަންކާގެ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހަ ދިވެއްސަކު ވަނީ ވޭތުވެ ދިޔަ ހަފްތާގައި ހައްޔަރުކޮށްފަ އެވެ. އެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އެ މީހުންނަށް އެހީވުމުގެ މަސައްކަތް ވެސް އެމްބަސީއިން އަންނަނީ ކުރަމުން އެވެ.