ޔޫރަޕް އަދި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާ އެއް ފެންވަރަކަށް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ އަރަމުން އަންނަ ކަމަށް އެކުލަބުގެ ކޯޗް ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

އެންމެ ފަހުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ބާސެލޯނާ އިން ކާމިޔާބުކުރީ ފާގަސަންގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ މެންޗެސްޓާ ޔުނައިޓެޑް 3-1 ލަނޑުން ބަލިކުރުމަށް ފަހު އެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ ޗެމްޕިއަންކަން ބާސެލޯނާ އިން ގެންގޮސްފައި ވަނީ ވެސް މެންޔުނައިޓެޑްގެ ކޯޗުކަމުގައި ފާގަސަން ހުއްޓަ އެވެ. ނަމަވެސް މިހާރު ބާސެލޯނާ އާ ދާދި އެއް ހަމައަކަށް މެންޔުނައިޓެޑް އަރަމުން އަންނަ ކަމަށް ފާގަސަން ގަބޫލު ކުރެ އެވެ.

"ބާސެލޯނާ އާ އެއް ހަމައަކަށް އައުމަކީ އަބަދުވެސް އަހަރެމެންގެ އަމާޒެއް. އަހަރެމެން މިސީޒަނުގައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ނެރެ އެކުޅުންތެރިންނަށް ތަޖުރިބާތަކެއް ދީފައިވާނެ. އެހެންކަމުން ބާސާ އާ އެއް ފެންވަރަކަށް މެންޔުނައިޓެޑް އަރަމުން އަންނަ ކަމަށް އަހަރެން ގަބޫލުކުރަން. މިއީ ބާސެލޯނާ އަށް ކާމިޔާބީ ދުވަސްތަކެއް.
ހަމައެގޮތަށް މިއީ އިނގިރޭސި ފުޓުބޯޅަ އަށް ވެސް ކާމިޔާބީ ދުވަތަކެއް. މިހާރަކަށް އައިސް ކޮންމެ އަހަރެއް ކަހަލަ ގޮތަކަށް ޗެމްޕިއަންސް ލީގުގައި އިނގިރޭސި ފަސް ކުލަބެއް ވާދަކުރޭ. އަހަރެމެން މިދަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލުން ވެސް ޖާގަ ހޯދަމުން." މެންޔުނައިޓެޑްގެ ކޯޗް ފާގަސަން ބުންޏެވެ.

ޕްރެމިއާ ލީގު ތަކުގެ ކުލަބުތަކާ އެކު ބާސާ އާ ވާދަވެރި ޖަރުމަނުގެ ބެޔާން މިއުނިކަށް ޗެމްޕިއަންސް ލީގު ތައްޓާ ހަމައަށް ދިއުމަށް ބޮޑު މަސައްކަތެއް ކުރުމަށް ފާގަސަން ވަނީ ގޮވާލާފަ އެވެ.

"ބެޔާންގެ އަމިއްލަ ދަނޑުގައި މިފަހަރުގެ ފައިނަލް ކުޅުމަކީ އެ ޓީމަށް ލިބޭނެ ބޮޑު ފައިދާއެއް. ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ މުބާރާތުގެ ފޭވަރިޓުން ކަމާ މެދު އެއްވެސް ޝައްކެއްނެތް. އެހެން ނަމަވެސް މެންޔުނައިޓެޑާ އެކު އިނގިރޭސި ޓީމުތައް ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އިން ވެސް މުބާރާތް ކާމިޔާބު ކުރުމަށް ބޮޑު މަސައްކަތެއް ކުރާނެ." ފާގަސަން ބުންޏެވެ.