10 Jun 2010, 11:07
14:30
އެސްބީޓީ ހައްޖު އުމްރާ ޖަމާޢަތުން ކޮންމެ މަހަކު މީހުން އުމްރާ އަށް ގެންދަން ފަށައިފި އެވެ.
އެސްބީޓީގެ ވެރިޔާ އަބުދުﷲ ބާގިރު މިއަދު ވިދާޅުވީ އެ ގޮތަށް ހަމަޖެއްސީ ރާއްޖޭގެ ރައްޔިތުންނަށް ފަސޭހައިން އުމްރާ އަށް ގެންގޮސްދިނުމުގެ ބޭނުމުގައި ކަމަށާއި އަދި ރޯދަ މަހުގެ ބޮޑު އުމްރާ އަށް ނުދެވޭ މީހުންނަށް އެ ފުރުސަތު ހޯދަދއިދިނުން ކަމަށެވެ.
ބާގިރު ވިދާޅުވީ އެ ގްރޫޕުން ފުރަތަމަ މަސައްކަތްކުރީ މިއަހަރުގެ ކޮންމެ މަހަކު އެއްފަހަރު މީހުން އުމްރާއަށް ގެންދިއުމަށް ކަމަށެވެ. އެހެން ނަމަވެސް މިދިޔަ އަހަރު މީހުން ހައްޖައް ގެންދިޔައިރު ދިމާވި މައްސަލައާ ގުޅިގެން މިއަހަރު ފުރަތަމަ އުމްރާ އަށް މީހުން ގެންދެވޭ ގޮތްވީ މިދިޔަ މަހު ކަމަށް ވެސް ބާގިރު ވިދާޅުވި އެވެ. ބާގިރު ވިދާޅުވީ ފުރަތަމަ ދެ އުމްރާ އަށް ނަވާރަ ހާހެއްހާ ރުފިޔާއަށް މީހުން ގެންދިޔަ ނަމަވެސް އަންނަ މަހުގެ އުމްރާ އަށް ނަގާނީ މީހަކަށް އަށާރަ ހާސް ރުފިޔާ ކަމަށެވެ. އެގޮތުން އެސްބީޓީ ގުރޫޕްގެ މިމަހުގެ ދެވަނަ އުމްރާ އަށް މާދަމާ 15 މީހުންނާއެކު ފުރާނެ ކަމަށް ވެސް ބާގިރު ވިދާޅުވި އެވެ.
ބާގިރު ވިދާޅުވީ ތިންވަނަ އުމްރާގައި މީހުން ގެންދިއުމުގެ އަގަށް ބަދަލު ގެނައީ ފުރަތަމަ ދެ އުމްރާގައި މީހުން ގެންދިޔައީ 16 ދުވަހަށް ކަމަށް ވެފައި ތިން ވަނަ އުމްރާގައި މީހުން ގެންދިއުމަށް ހަމަޖައްސާފައި ވަނީ 13 ދުވަހަށް ކަމަށް ވާތީ ކަމަށެވެ. އަދި އަންނަ މަހު އުމްރާ އަށް ގެންދިއުމަށްފަހު ދެން އުމްރާ އަށް ގެންދާނީ ރޯދަ މަހުގެ ބޮޑު އުމްރާ އަށް ކަމަށް ވެސް ބާގިރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ހައްޖަށް މީހުންގެ ގެންދިއުމުގައި އެސްބީޓީ އަށް ހުއްދަ ދޫކޮށްފައިނުވަނީ ބައެއް މީހުންގެ އަތުން އެ ގްރޫޕުން ފައިސާ ނަގައިގެން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ކަމަށް ކަމާ ބެހޭ އިދާރާ އިން ބުނެ އެވެ. އަދި ހައްޖަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނުދިނުމުން އެ މައްސަލަ ބާގިރު ވަނީ ކޯޓަށް ވެސް ހުށަހަޅުއްވައިފަ އެވެ.