ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކޮންމެ އަހަރަކު ބާއްވާ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.

ހަތަރު އުމުރުފުރާ އަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިން އަދި 10 އަހަރާއި 13 އަހަރާ ދެމެދުގެ 300 ކުދިންނާއެކު ޖުމްލަ 2000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ.

މި ދުވުމާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮން ދުވުމުގައި ބައިވެރިވި ކުދިން އެއްކުރި 105،250 ރުފިޔާ ވަނީ އާކް އާ މިއަދު ހަވާލުކޮށްފަ އެވެ.

ބީއެމްއެލް ވާއު ކިޑްސްރަންގެ ބައިވެރިން މިއަދު އާކްއަށް ފައިސާ ހަދިޔާކުރަނީ: މިފަހަރުގެ ދުވުމުގެ ބޭނުމަކީ ބްލީންއާ ދެކޮޅަށް ހޭލުންތެރިކުރުވުން. -- ފޮޓޯ | ބީއެމްއެލް

މި ފައިސާ އާކް އާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އެވެ. އާކް އިން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ކުޑަކުދިންނަށް ބުލީ ކުރުމާ ދެކޮޅު ކެމްޕޭން 'ބީޓް ބްލީން' އަށެވެ.

"ބީއެމްއެލް ވައު ކިޑްޒް ރަން" އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ދުވުމުގައި ބައިވެރިވި ކުދިން، ހޯދި ފައިސާ މިއަހަރު ހަދިޔާ ކުރީ މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމަކަށް ކަމަށެވެ. ޝަރީފް ވަނީ ފަންޑް ރެއިޒިންއަށް އެހީވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަންގެ ބައިވެރިން ދުވަނީ: އެ ދުވުން މިފަހަރުވެސް ވަރަށް ކާމިޔާބު. -- ފޮޓޯ | ބީއެމްއެލް

"ޓީއެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވާ ހާއްސަ ހަރަކާތެއް،" ޝަރީފް ވިދާޅުވި އެވެ.

އުމުރު ފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރގެ ދިގުމިނަށެވެ. ހުރިހާ ބައިވެރިންވެސް ދުވުން ނިންމާލީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. މިއީ ޖެހިޖެހިގެން މި ދުވުން ބާއްވާ ހަތަރުވަނަ އަހަރެވެ.