27 Apr 2019, 12:49
ކޮލަންބޯ (އެޕްރީލް 27) -- ސްރީލަންކާގެ ކަންތައްތައް ބޮއްސުންލާފައިވާ ކަމަށް ވިދާޅުވެ އެކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުމަށްޓަކައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެ ކަމަށް އެގައުމުގެ ކުރީގެ ދިފާއީ ވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސަގެ ކޮއްކޮ ގޮތަބަޔަ ރާޖްޕަކްސަ ވިދާޅުވެއްޖެ އެވެ.
ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ގޮތަބަޔާ ވިދާޅުވީ ސްރީލަންކާގެ މިހާރުގެ ވެރިންނަކީ އެގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭވަރުގެ ގާބިލް ބައެއް ނޫންކަމަށާއި ސްރީލަންކާގައި ސިފައިންނާއި ފުލުހުން މާޔޫސްވެ އެމީހުންގެ މޯޓިވޭޝަން ދަށްވެ ގައުމުގައި ހަރުކަށި މީހުންގެ ބާރުގަދަވެފައިވަނީ ސަރުކާރުން ކަންތައް ކުރި ގޮތުންކަމުގަ އެވެ. މިގޮތުން އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ތުހުމަތުކޮށް ސްރީލަންކާގެ ސިފައިންގެ އެތައް ބައެއްގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށްލާފައި ވުމަކީ ސިފައިން މާޔޫސްވެ އެމީހުންގެ މޯޓިވޭޝަން ދަށްވި ސަބަބެއްކަން އޭނާ ހާމަކުރެއްވި އެވެ.
މީގެއިތުރުން ބޭބެ ރާޖަޕަކްސަގެ ވެރިކަމުގައި ސިފައިންގެ ތެރޭގައި ގޮތަބަޔާ ރާޖްޕަކްސަ އުފެއްދެވި ޖާސޫސީ ވަރުގަދަ ނެޓްވޯކާއި ގާއިމްކުރި އެކްސްޓެންސިވް ސަވައިލެންސް ނިޒާމު މިހާރުގެ ސަރުކާރުން ރޫޅާލުމަކީ ކުރިން ލިބިފައިވާ ޖާސޫސީ ގާބިލްކަން ސްރީލަންކާގެ ސިފައިންނާއި ފުލުހުންގެ ކިބައިން ގެއްލިގެންދިޔަ މައިގަނޑު ސަބަބު ކަމަށްވެސް ގޮތަބަޔަ ރާޖްޕަކްސަ ވިދާޅުވި އެވެ. ގޮތަބަޔަ ރާޖްޕަކްސައަކީ އޭނާގެ ބޭބެ މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި ބާރުގަދަ ދިފާއީ ވަޒީރެވެ. ސްރީލަންކާގައި 30 އަހަރުވަންދެން ކުރިޔަށްދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާގެ ސިފައިން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތައް ލީޑްކުރައްވައި އެކަމުގެ ހަގީގީ މޭސްތިރިއަކީ ގޮތަބަޔަ ރާޖްޕަކްސަ އެވެ.

ސްރީލަންކާ ސިފައިންގެ ލަޝްކަރުތައްމަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި އާދަޔާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ތަމަޅަ ޓައިގަރުން ބަލިކޮށްލި މައްސަލާގައި ހުޅަނގުގެ ގައުމުތައްވަނީ ރާޖްޕަކްސަ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ. އެމެރިކާއާއި ޔޫރަޕުން ރާޖްޕަކްސަ ދެކެ ރުޅިއައީ ތަމަޅަ އާންމުންގެ ފުރާނައަށް ބެލުމެއްނެތި ހަނގުރާމަ ހުއްޓުވުމަށްޓަކައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް އިންސާނީ ހައްގުތަކަށް ފުޅާދައިރާއެއްގައި އަރައިގަތުމުގެ ސަބަބުން ކަމަށް އެގައުމުތައް ބުނެއެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ރާޖްޕަކްސަ ދެކެ ހަގީގަތުގައި ރުޅިއައީ ތަމަޅަ ޓައިގަރުން ހަނގުރާމަ ކުރިޔަށްގެންދިޔުމަށްޓަކައި ޔޫރަޕާއި އެމެރިކާގެ ބްލެކް މާކެޓުން ގަންނަމުން ގެންދިޔަ ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތުން ހުއްޓުމަކަށް އައުމުން ކަމަށް ތުހުމަތު ކުރެ އެވެ.
ސިރިސޭނާގެ ވެރިކަމުގައި ރަނިލްގެ ސަރުކާރުން އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކަށް ދީލާލައި ސްރީލަންކާ ސިފައިންގެ ބައެއް މީހުންގެ މައްޗަށް ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގައި މަދު ބައަކަށް ނަމަވެސް ހުކުމްތަކެއްކޮށްފަ އެވެ. ނަތީޖާއަކަށްވީ ސްރީލަންކާ ސިފައިން މާޔޫސްވެ އެމީހުންގެ މޯޓިވޭޝަން ގެއްލުމެވެ.
މީގެއިތުރުން އިންޑިޔާގެ ފިއްތުންތަކާ ގުޅިގެން ސިރިސޭނާގެ ސަރުކާރުންވަނީ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާގައި ހައްޔަރުކުރި ތަމަޅަ ހަނގުރާމަވެރިންވެސް މިނިވަންކޮށްފަ އެވެ. މިއީވެސް ސްރީލަންކާ ސިފައިން ނުރުހުން ލިބިގެންދިޔަ ކަމެކެވެ.
ގޮތަބަޔަ ރާޖްޕަކްސަ ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ ސިފައިން ބަލިކަށިކޮށް ޖާސޫސީ ނިޒާމު ހަލާކުކޮށްލުމަށް ރަނިލްގެ ސަރުކާރުން ކޮށްފައިވާ ހުރިހާ ކަމެއް އިސްލާޙް ކުރާނެކަމުގަ އެވެ. އެކަންކަން އިސްލާޙް ކޮށްގެންނޫނީ ސްރީލަންކާގެ ހަރުކަށި ޖަމާއަތްތަކާ ކުރިމަތިލުމުގެ ގާބިލްކަން ސިފައިންނަށާއި ފުލުންނަށް ނުލިބޭނެ ކަމަށްވެސް ސްރީލަންކާގެ ދާހިލީ ހަނގުރާމަ ހުއްޓުމުގެ އޮޕަރޭޝަންތައް ލީޑް ކުރެއްވި ކުރީގެ ބާރުގަދަ ދިފާއީ ވަޒީރު ގޮތަބަޔަ ރާޖްޕަކްސަ ވިދާޅުވި އެވެ.