27 Apr 2019, 10:16
ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ޓީޒާ ދައްކާލައިފި އެވެ.
ޓިޒާ އިން ދައްކުވައިދެނީ ރަށްފުށުގައި ދިރިއުޅެމުން ގެންދާ ނުޒުހަތު ޝުއައިބު އޭނާގެ ލޯބިވެރިޔާ އަށް ކުރާ އިތުބާރެވެ. އަދި އެ މީހާއަށް ބަރޯސާވެ ކައިވެނިކޮށްގެން މާލޭގެ މާހައުލަށް ބަދަލުވެގެން ދިމާވާ ކަންތައްތަކެއް ޓީޒާއިން ފެނެ އެވެ.
"ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. މާނައަކީ ދެރަ ކަމެއް ވުމަށްފަހު ދެންވާ ކަންތައްތަކެވެ.
ރޭ އެ ޓީޒާ ޓްރެއިލާ ނެރުމަށް ވީޓީވީގެ ސިނެމާ އެންޓަޓެއިންމަންޓް ޝޯގައި ވާހަކަދައްކަމުން ނުޒޫ ބުނީ ފިލްމުގައި ދައްކުވައިދޭނީ އަތޮޅުތެރޭ ކުއްޖަކު މާލޭ މީހަކާ ކައިވެނިކޮށްގެން މާލެއަށް ބަދަލުވެގެން ދިމާވާ ކަންތައްތަކެއް ކަމަށެވެ.
ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނީ ފިލްމުގެ ޝޫޓިން ނިމިއްޖެ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޕްރޮމޯޝަން ލަވައިގެ މަސައްކަތް ކަމަށެވެ.
"ސެޕްޓެމްބަރުގައި ފިލްމު ފެނިގެންދާނެ،" ޑައިރެކްޓަރު އިލްޔާސް ބުންޏެވެ.
ފިލްމުގެ އަންހެން ލީޑަކީ ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބެވެ. އަދި ފިރިހެން ލީޑުން ފެނިގެންދަނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާގެވެ. ފިލްމުގެ ކެމެރާމަން އަކީ ކަނޑި އެވެ.
މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާއިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ.