އިމާރަތެއްގެ މަތިން ވެއްޓި އަނިޔާތަކެއް ލިބުނު އެސްޓީއޯގެ އައިޓީ ސެކްޝަނުގެ އިސްވެރިޔާ މުސްތަފާ އަޒްމީ މިރޭ ނިޔާވެއްޖެ އެވެ.

އަޒްމީ ނިޔާވެފައިވަނީ އިންޑިއާގެ ބެންގަލޫރުން ރާއްޖެ ގެނައިތަނުންނެވެ. އެކަން އެސްޓީއޯގެ މެނޭޖިންގް ޑައިރެކްޓަރު ހުސައިން އަމްރު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އަޒްމީ ވެއްޓުނީ ހަދަމުންދާ މިސްކިތެއްގެ މަތިންނެވެ. އަޒްމީ އިންޑިއާއަށް ގެންގޮސްފައިވަނީ މާލޭން ދެވޭނެ ފަރުވާއެއް ނެތިގެންނެވެ. ނަމަވެސް ބޭރުންވެސް ދެވޭނެ ފަރުވާއެއް ނެތިގެން މާލެ ގެނައީ މިރޭގެ ވަގުތެއްގަ އެވެ.

ހަދަމުން ދިޔަ މިސްކިތުގެ މަތިން ވެއްޓި އަޒްމީގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިންވެސް ވަނީ ބުނެފަ އެވެ.

އަޒްމީ އެސްޓީއޯގައި މަސައްކަތް ކުރައްވާތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.