ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ އަހަރަތެއް ވަންދެން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔާތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާ ކޮށްފައިވަނީ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އެމައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމާފައިވަނީ ބިލު ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރާށެވެ. އެގޮތަށް ނިންމާފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ. ބެލެވޭ ގޮތުން އެ ބިލު ފާސް ކުރުމަށް ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް ތާވަލު ކުރާނެ އެވެ.

ރިޔާޒު ހުށަހެޅުއްވި އެ ބިލްގައި ވަނީ، ސަރުފުވެރިކަމާއި އެކު ފަނޑިޔާރުކަމުން ވަކިވުމަކީ ތަހުޒީބްވެފައިވާ މުޖުތަމައުތަކުގައި އާންމު އުސޫލެއް ކަމަށާއި އެގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ފަނިޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށެވެ.

ގާނޫނު އަސާސީގެ 285 މާއްދާގެ ހ ގައި ވަނީ، ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަގާމްގައި ތިބޭނެ ކަމަށެވެ.

ރިޔާޒި ހުށަހެޅުއްވި އެ ބިލްގައި ވަނީ، ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކާއި، ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ޝަރަފުވެރިކަމާއި އެކު ފަނޑިޔާރުކަމުގެ މަގާމުން ވިކިވާ މީހެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ދައުލަތުގެ ފަރާތުން ލިބިދޭންޖެހޭނެ ކަމަށް ވެސް ރިޔާޒު ހުށަހެޅުއްވި އެ ބިލްގައި ވެއެވެ.

އެ ބިލު ދިރާސާ ކުރި ކޮމިޓީގެ މުގައްރިރަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ނައިބު މުގައްރިރަކީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ. ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

ޝެއިހު ރަޝީދަށް އިނާޔަތް ލިބޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް އެމްޑީޕީން ވަނީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަހުސްކޮށްފަ އެވެ. އަދި އެފަދަ ބިލުތައް އަވަސް އަރުވާލައިގެން ފާސްކުރި ނަމަވެސް އެ ބިލުތައް ދެން އަންނަ މަޖިލީހަކުން ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއްވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ދެއްވާފަ އެވެ.

މިހާރު ހިނގަމުން މިދާ 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.