20 Oct 2011, 09:13
އަންކަރާ (އޮކްޓޯބަރ 20) : ތުރުކީގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީކޭކޭ އިން ދިން ވަރުގަދަ ޙަމަލާއެއްގައި ތުރުކީ ސިފައިންގެ 24 މީހަކު މަރުވުމުން އެކަމަށް ބަދަލުހިފާނެ ކަމުގެ އިންޒާރު ތުރުކީގެ ރައީސް ޢަބްދުﷲ ގުލް ދެއްވައިފި އެވެ.
ގުލް އާ ޙަވާލާދީ ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީ ބުނި ގޮތުގައި އެއީ ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލެކެވެ. އެފަދަ ޢަމަލުތައް ހުއްޓުވޭ ފަދަ ބަދަލެއް ޕީކޭކޭ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން ހިފާނެ ކަމަށް ގުލް ވިދާޅުވި އެވެ. ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވަނީ ޕީކޭކޭގެ އެޢަމަލުގެ ފަހަތުގައި އޮތީ އިސްރާއީލުކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އުރުދުޣާން ވިދާޅުވީ ޕީކޭކޭގެ ޓެރަރިޒަމްގެ ޢަމަލުގެ ފަހަތުގައި ބޭރުގެ ފަރާތެއްވާކަމަށާއި އެކަމުގެ ހެކިތައް ވެސް ފެންނަން އެބަހުރި ކަމުގަ އެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު އިވިގިޑޯރ ލިބަރމެން ތަންކޮޅެއް ކުރިންވަނީ ޕީކޭކޭ ޖަމާއަތަކީ ތުރުކީގެ ބަލިފައި ކަމަަށް ވިދާޅުވެ އެޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީގެން ތުރުކީއަށް ގޯނާކުރުމަކީ އިސްރާއީލަށް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވެ ތުރުކީ ސަރުކާރަށް އިންޒާރު ކުރައްވާފަ އެވެ. ތުރުކީގެ ދެކުނުގެ ހަކާރީ ސަރަޙައްދަށް ޕީކޭކޭ ހަނގުރާމަވެރިން އިއްޔެ ދިން ކުއްލި ޙަމަލާތަކެއްގައި ތުރުކީ ސިފައިންގެ 24 މީހުން މަރުވި ޙާދިޘާ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުންވަނީ ކުށްވެރިކޮށްފަ އެވެ. މިޙާދިޘާ ކުށްވެރިކުރި ޤައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ. އިސްރާއީލުން މިކަމާބެހޭ ގޮތުން ބަޔާނެއް ނުދެ އެވެ.
ތުރުކީގެ ބައިމަދު ދަރިކޮޅެއް ކަމަށްވާ ކުރުދީންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޕީކޭކޭގެ ޙަމަލާ ތަކެއްގައި ތުރުކީ ސިފައިންގެ 24 މީހަކު މަރުވުުމުން ތުރުކީގެ ސިފައިންގެ ފައުޖެއް ގެންދަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޢިރާޤުގެ އުތުރުގައި ކުރުދީން ދިރިއުޅޭ ސަރަޙައްދުތަކަށްވަދެ ޕީކޭކޭއާ ދެކޮޅަށް ވަރުގަދަ ޢަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. ތުރުކީ ބުނާ ގޮތުން ޕީކޭކޭގެ ހަނގުރާމަވެރިން ތުރުކީއަށް ޙަމަލާދެނީ ޢިރާޤުގެ ކުރުދީން ދިރިއުޅޭ ސަރަޙައްދުގެ ބިން ބޭނުންކޮށްގެންނެވެ.
ޢިރާޤުގެ އުތުރުގައި ޕީކޭކޭގެ ބޭސްތަކާއި މަރުކަޒުތައް ހުރިކަމަށާއި އެތަންތަން ހަލާކުކޮށް ޕީކޭކޭ ހަނގުރާމަވެރިން މައިތިރި ކުރެވެންދެން ޢިރާޤުގެ ކުރުދީ ސަރަޙައްދުގައި ޢަސްކަރީ އޮޕަރޭޝަން ކުރިޔަށް ގެންދާނެ ކަމަށްވެސް ތުރުކީ ސިފައިންބުނެ އެވެ. ތުރުކީގެ ސިފައިންގެ ޙަމަލާތަކުގައި ވެސް ކުރުދީ ހަނގުރާމަވެރިންގެ އެތައް ބަޔަކު މަރުވަމުންދެ އެވެ. (އަލްޖަޒީރާ)