ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ސުކޫލުތަކާއި ޔުނިވާސިޓީތަށް ހުޅުވުން އަންނަ މަހު ހަވަނަ ދުވަހަށް ލަސްކުރުމަށް އެގައުމުގެ ސެކުއިރިޓީ ކައުންސިލުން ނިންމައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ގައުމުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސުކޫލުތަކާ ޔުނިވާސިޓީތައް އަލުން ހުޅުވުމަށް އެންމެ ފަހުން ކަނޑައެޅި ތާރީހަކީ، މި އަންނަ ހޯމަ ދުވަހެވެ. މިއީ މި މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ.

ލަންކާގެ ރައީސް އޮފީހާ ހަވާލާދީ، އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސުކޫލުތަކާއި ޔުނިވާސިޓީތައް އަލުން ހުޅުވުން ފަސްކޮށްފައިވަނީ މިއަދު ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ރިޔާސަތު ބެލެހެއްޓެވި ސެކުއިރިޓީ ކައުންސިލް ބައްދަލުވުމުގައެވެ.

ސުކޫލުތަކާއި ޔުނިވާސިޓީތައް އަލުން ހުޅުވުން ފަސްކުރުމަށް ސެކިއުރިޓީ ކައުންސިލުން ނިންމީ މިހާރުގެ އެގައުމުގެ ސަލާމަތީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ލަންކާގެ އަށް ތަނަަކަށް ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު، މަރުވި މީހުންގެ އަދަދަކީ، 253 އެވެ. ޒަހަމްވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައެވެ. މި ހަމަލާތަކާ ގުޅިގެން 70 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން، އިތުރު ބަޔަކު ހޯދުމަށް ފުލުހުން ވަނީ ފޯޓޯ އާންމު ކޮށްފައެވެ.