26 Apr 2019, 21:23
ސްރިލަންކާގެ ފުލުހުން ހިންގަމުންދާ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނުގައި އެ ގައުމުން ހަ ދިވެހިން ހައްޔަރުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވަނީ ހަ ދިވެއްސަކު ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ހައްޔަރުގައި ތިބި ދިވެހިން ތަފްސީލެއް މިއުވާން ނުދެއްވަ އެވެ.
މިއުވާން ވިދާޅުވީ މިވަގުތަކީ ސްރިލަންކާގައި އާންމު ހާލަތާއި ތަފާތު ހާލަތެއް ކަމުން ހުރިހާ ދިވެހިންވެސް ސްރިލަންކާގެ ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.
'ސަން' އަށް އެނގިފައިވާ ގޮތުން ސްރިލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވާ އެއް ދިވެހި މީހާއަކީ ގެއެއް ބަލާ ފާސްކުރި އިރު އެގެއިން އައިއެސްއާ ގުޅުން ހުރި ފޮތްތަކެއް ފެނިގެން ހައްޔަރު ކުރި މީހެކެވެ. އެނގިފައިވާ ގޮތުން އެ ފޮތްތައް ފެނިފައިވަނީ އެގޭގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުންދާ ކުއްޖެއްގެ ތަކެތި ބަލާ ފާސްކުރި އިރު އެވެ.
ލަންކާ ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ފޮތްތައް ހުރި ގޭގެ ވެރި ފަރާތެވެ. އެމީހާއަކީ ދިވެއްސެއްކަން ވަނީ އެނގިފަ އެވެ. އެއީ ކޮލަމްބޯގައި ދިރިއުޅޭ މީހެކެވެ. އޭގެ އިތުރުން އެގެއަށް ބޭސްފަރުވާއަށް ގޮސް އުޅުނު އެހެން ދިވެސެއްވެސް ލަންކާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ލަންކާ ފުލުހުން ހައްޔަރު ކުރި އަނެއް ހަތަރު މީހުންނަކީ ލަޔަން ސިޓީ ނިގަމްބޯއިން ހައްޔަރު ކުރި ހަތަރު މީހުންނެވެ. އެއީ ލަންކާގައި ފްލައިޓް އިންޖިނިއަރިންގް ކިޔަވަމުން ދާ ހަތަރު ކުދިންކަން އެނގިފައިވެ އެވެ. އެ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަން ލަޔަން ސިޓީގައި އުޅޭ ދިވެހި ކިޔަވާ ކުއްޖަކު 'ސަން' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ ހަތަރު މީހުން ހައްޔަރުކުރީ ބުދަ ދުވަހުގެ ރޭ ކަން އެނގިފައިވެ އެވެ. ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންގެ އެކުވެރިއަކު 'ސަން' އަށް ބުނީ އެމީހުން ހައްޔަރުކޮށްފަ ތިބީ ނިގަމްބޯގެ މެއިން ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.
އެ ހަތަރު މީޙުން ހައްޔަރުކޮށްފައިވަނީ ފޭކް ލައިސެންސެއްގައި އެއާ ރައިފަލް ގެންގުޅުމުން ކަން އެނގިފައި އެވެ. ސްރީލަންކާގައި އެއާ ރައިފަލް ގެންގުޅެވޭނީ ލައިސަންސް އޮންނަ ލަންކާ މީހުންނަށެވެ.
ހަތަރު މީހުންގެ އެކުވެރިޔާ 'ސަން' އަށް ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުން ހޯމަ ދުވަހު ލަންކާ ކޯޓުގައި ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަތަރު މީހުންވެސް ދޫކޮށްލާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ބުންޏެވެ.
ޓެރަރިސްޓުން އުޅޭތޯ ސްރީލަންކާގެ ހުރިހާ ގެއެއް ބަލާ ފާސްކުރާނެ ކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މިއަދު ވިދާޅުވެފަ އެވެ.
ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ އާއި ދިމާކޮށް ހަތަރު ފައްޅިއަކާއި ހަތަރު ހޮޓަލެއްގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަކީ 253 ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެ ހާދިސާތަކުގައި 500 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.