ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާގެ ވެރިންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ސްރީލަންކާ އަށް ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިން ރައީސް ވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަށާއި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އަށް ގުޅުއްވާ ތައުޒިޔާ ވިދާޅުވެފައެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ހާދިސާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިހުލާސްތެރި ތައުޒިޔާ ފޮނުއްވައިފައެވެ.

ރައީސް ވަނީ ލަންކާގެ މިހާރުގެ ހާލަތު އޮޅުންފިލުއްވައި، ރާއްޖެއިން އަބަދުވެސް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން އެގައުމުގެ ވެރިންނަށް އަރުވައިފައެވެ.

ލަންކާގައި ދިން ހަމަލާޓަކާ ގުޅިގެން އާދިއްތަ ދުވަހު ރައީސް ވަނީ އެގައުމުގެ ރައީސް ސިރިސޭނާ އަށް ހަމްދަރުދީގެ މެސެޖެއްވެސް ފޮނުއްވައިފައެވެ. މީގެ އިތުރުން ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވަނީ ލަންކާގެ ހާލަތު ބެއްލެވުމަށް އެގައުމަށް ފޮނުއްވައިފައެވެ.

ލަންކާގައި ދިން ހާދިސާތަކުގައި މަރުވި މީހުންގެ އަދަދަކީ 253 ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެ ހާދިސާތަކުގައި 500 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.