26 Apr 2019, 19:46
ސްރީލަންކާގެ ފުލުހުންނާއި އެގައުމުގެ ހަތިޔާރުއެޅި ގްރޫޕަކާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރަމުން އެބަދެއެވެ.
ހަމަލާތައް ބަދަލުކުރަމުންދަނީ ލަންކާގެ އިރުމަތީ ޕްރޮވިންސް ކަލްމުނައި ސިޓީގައެވެ. އެ ސިޓީ އަކީ މުސްލިމު މެޖޯރިޓީ އާބާދީއެއް އޮންނަ ސިޓީއެކެވެ.
އޭގެ އިތުރުން ކަލްމުނައި ކައިރީ އޮންނަ ސަމަންތުރައި ޓައުން ގައި ހުންނަ ގެއެއްގައި ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ސާމާނުވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.
އެ ތަކެތި އަތުލައިގެންފައިވަނީ ލަންކާގެ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ރެއިޑެއްގައެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ސަމަންތުރައި އިން އައިއެސްގެ ޔުނިފޯމާއި އައިއެސްގެ ލޯގޯޖެހި ފޮތިގަނޑުތަކެއްގެ އިތުރުން 100،000 މެޓަލް ބޯލް އާއި ޑްރޯން ކެމެރާއެއްގެ އިތުރުން ގޮވާ ޒާތުގެ އިތުރު އެއްޗެހިވެސް ފެނިފައިވާ ކަމަށެވެ.
ހަބަރުތައް ބުނާގޮތުން ލަންކާގެ ސިފައިންނާ އެގައުމުގެ ހަތިޔާރު އެޅި ގްރޫޕަކާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތަކުގައި ޖާނު ގޮއްވާލައިގެން ވަނީ ހަމަލާއެއް ދީފައެވެ. ކަލަމުނައިގައި ހިނގައިދިޔަ މި ހަމަލާ ލަންކާ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ އާއި ދިމާކޮށް ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ޓެރަރިސްޓު ހަމަލާތަކުގައު 250 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާގެ ޒިންމާ އައިއެސް އިން ނަގާފައިވާއިރު ހަމަލާތަކާ ގުޅިގެން 70 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ އެގައުމުގެ ސަލާމަތީ ކަންތައް ވަރަށް ވަރުގަދަކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށޤ ރޭގަނޑު 10 އިން ފަތިހަ ހަތަރަކާ ހަމައަށް ލަންކާގައި ކާފިއު ހިންގަމުންދާއިރު އެގައުމުގެ ހުރިހާ ގެއެއްގައި ދިރިއުޅޭ މީހުން ބަލަން ފަށާނެ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މިއަދު ވިދާޅުވެފައެވެ.