އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސުންގެ އަދަދު ހަތަރަކަށް އިތުރުކޮށް، ޖުމްލަށް ތިން އިސްލާހެއް އެ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް ފާސްކޮށްފިއެވެ.

މި ތިން އިސްލާހު ބަދަލު ގެނައުމަށް ފާސްކުރީ މިއަދ ބިލަބޮންގް އިންޓަނޭޝަލްގައި ކުރިއަށްދާ އެޕާޓިގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްއިންނެވެ.

މިއަދު ކޮންގްރެސް އަށް ހުށަހެޅި ތިން އިސްލާހަކީވެސް އެ ޕާޓީގެ މިހާރު އޮތް ވަގުތީ ކައުންސިލުން ކޮންގްރެސްއަށް ހުށަހެޅި ތިން އިސްލާހެވެ. އެ ތިން އިސްލާހުވެސް ވަނީ ކޮންގްރެސްއިން ފާސްވެފައެވެ.

ޕީއެންސީ ކޮންގްރެސް ކުރިއަށް ދަނީ: އެޕާޓިގެ އަސާސީ ގަވާއިދަށް ވަނީ ތިން އިސްލާހެއް ހުށަހަޅާފައި -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޕީއެންސީގެ ކޮންގްރެސް އިން އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް ފާސްވި ތިން އިސްލާހު:

1. ގައުމީ މަޖިލިސް އެކުލަވާލުން.

  • ގައުމީ މަޖިލިސް ޕާޓީގެ ކައުންސިލެއްގެ ދަށުން އިތުރު ގުނަވަނެއްގެ ގޮތުގައި އޮތުން.

2. މަޝްވަރާ މަޖިލީހަށް ބަދަލު ގެނައުން.

  • ނައިބު ރައީސުންގެ އަދަދު ދެއް އިން ހަތަރަކަށް އިތުރުކުރުން

  • ޕާލިންޓަރީ ގުރޫޕުގެ ލީޑަރު، މަޝްވަރާ މަޖިލީހުގައި ހިމެނުން
  • މަޝްވަރާ މަޖިލީހުގެ އާންމު މެމްބަރުން 20 އިން 25 އަށް އިތުރުކުރުން

3. ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަގާމަކީ ނައިބު ރައީސުންގެ ފެންވަރުގެ މަގާމަކަށް ހެދުން.

މި ތިން އިސްލާހު ފާސްވެގެން ދިޔައީ، ކޮންގްރެސްއަށް ވަޑައިގެންވި 137 ބޭފުޅުންގެ މެދުގައި ނެގި ވޯޓުންނެވެ. އެއް އިސްލާހު ފިޔަވާ ހުރިހާ އިސްލާހެއް ފާސްވެގެން ދިޔައީ ހާޒިރުވެވަޑައިގެންނެވި މަންދޫބުންގެ އިއްތިފާހުންނެވެ.

މަޝްވަރާ މަޖިލީހަށް ބަދަލު ގެނައުމަށް ދެކޮޅަށް ވޯޓު ދެއްވީ، ދެ މަންދޫބެކެވެ. އެ އިސްލާހު ފާސްވެގެން ދިޔައީ 135 މަންދޫބުންގެ ވޯޓުންނެވެ.

ޕީއެންސީ ކޮންގްރެސް ކުރިއަށް ދަނީ: ކޮންގްރެސްގައި 137 މެމްބަރުން ބައިވެރިވެވަޑައިގެންވި -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކޮންގްރެސް ކުރިއަށް ދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގައި އޮތީ އަސާސީ ގަވާއިދަށް ގެންނަ ހުރި އިސްލާހުތަށް ފާސްކުރުމާއި މަގާމުތަކަށް އިންތިހާބުކުރުމަށް ވޯޓަށް އެހުމަށެވެ.

ޕާޓީގެ ރައީސް ކަމަށް އެންމެ ބޭފުޅަކު ކުރިމަތިލާފައި އޮތުމުން، ވޯޓަކާ ނުލާ އެ މަގާމަށް ކުރިމަތިލި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާ މެމްބަރު އަބްދުއްރަހީމް ވަނީ އެ މަގާމަށް އައްޔަން ކޮށްފައެވެ.

ޕާޓީގެ ނައިބު ރައީސުންނަށް ކުރިމަތިލާފައިވަނީ ފަސް ބޭފުޅެކެވެ. މިހާރު އަސާސީ ގައވަދަށް ގެނައި ބަދަލާއެކު، ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކުރަން ޖެހޭނީ، ހަތަރު ބޭފުޅެކެވެ.

ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  • މާވަށު ދާއިރާ އިންތިހާބީ މެމްބަރު މުހައްމަދު ސައީދު

  • ވިލިމާލެ ދާއިރާ މެމްބްރު އަހްމަދު ނިހާން
  • ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު
  • ލަންކާގެ ކުރީގެ އެމްބަސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލް

ޕީއެންސީ ކޮންގްރެސް ކުރިއަށް ދަނީ: ޕާޓީގެ ނައިބު ރައީސުންނަށް ކުރިމަތިލެއްވި ފަސް ބޭފުޅުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މަޝްވަރާ މަޖިލީހަށް 31 ބޭފުޅަކު ވަނީ ކުރިމަތިލައިފައެވެ. މިއަދު އަސާސީ ގަވާއިދަށް ގެނައި ބަދާލާއެކު މަޝްވަރާ މަޖިލީހަށް އިންތިހާބު ކުރާނީ 25 ބޭފުޅެކެވެ.

ޕީއެންސީ ކޮންގްރެސްގެ ރޭގަނޑު ދަންފަޅީގައި އޮތީ، ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި އެ ޕާޓީގެ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބައިވެރިވެވަޑައިގަނަނަވާނެއެވެ.