26 Apr 2019, 12:37
ސްރީލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދުގައި އޮޅުންތަކެއް އަރައިގެން މީހުން މަރުވި އަދަދު 253 އަށް އެ ގައުމުގެ ހެލްތް މިނިސްޓްރީ އިން ދަށްކޮށްފި އެވެ.
އެ މިނިސްޓްރީ އިން ބުނީ މަރުވި މީހުންގެ އަދަދު އޮޅުމަށް ދިމާވީ މަރުވި މީހުން ދެނެގަތުމަށް ހުރި ދަތިތަކުގެ ސަބަބުން ގުނުމަށް ދިމާވި މައްސަލަތަކުގެ ސަބަބުންކަމަށެވެ.
މީގެ ކުރިން ސްރީލަންކާއިން ބުނީ އެ ހަމަލާތަކުގައި މަރުވީ، 359 މީހުން ކަމަށެވެ. ނަމަވެސް އެ އަދަދުން ސަތޭކައެއް މަދުކޮށް މަރުވި މީހުންގެ ސައްހަ އަދަދަކީ 253 ކަމަށް ހެލްތް މިނިސްޓްރީ އިން ބުންޏެވެ.
އެ މިނިސްޓްރީއިން ބުނި ގޮތުގައި ހުރިހާ ހަށިގަނޑުތަކެއްގެ އޯޓޮޕްސީ ބުރާސްފަތި ދުވަހު ހަދާ ނިންމައި ބައެއް ހަށިގަނޑުތައް ދެފަހަރަށް ގުނުނު ކަމަށެވެ.
ލަންކާގެ ޑެސްޓޭޓް މިނިސްޓާ އޮފް ޑިފެންސް ރުވާން ވިޖެވަރުދަނާ ވިދާޅުވީ ގަބުރުސްތާނުތަކާ ހަވާލުވެގެން ތިބި ފަރާތްތަކުން ދީފައިވާ އަދަދުތައް ސީދާ ނޫންކަމަށެވެ.
އާދިއްތަ ދުވަހުގެ ހަމަލާ ދީފައި ވަނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ) އިން ބޭރުގެ އެހީއާ އެކު ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އެގައުމުގެ ސީއްހީ އިދާރާތަކުގެ އެންމެ އިސްވެރިޔާ ވިދާޅުވީ ހަށިގަނޑުގެ ބައިތައް ގިނަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ދެނެގަތުމުގައި ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.
މަރުވި މީހުންގެ އަދަދު ދަށަށް ގޮސްފައިވާއިރު އެ ގައުމުގެ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އިންޓެލިޖެންސް ރިޕޯޓުތަކަށް ފުރިހަމަ ގޮތުގައި ފިޔަވަޅު އެޅިފައި ނުވާތީ ސަރުކާރަށް މީހުންކުރާ އިތުބާރުވަނީ ގެއްލިފައެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޓެރަރިސްޓު ހަމަލާތައް ދީފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ ލަންކާގެ ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. އަދި ހަމަލާތަކުގައި އިސްކޮށް އުޅުނު ކަމަށް ބުނާ މީހާ އާއި އިތުރު ހަތް މީހުން ފެންނަ ފޮޓޯއަކާއި ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ.

ސްރީލަންކާގައި އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 350އަށް އަރާފަ -- ފޮޓޯ: ރޮއިޓާސް
މަރުގެ އަދަދު ދަށަށް ދިއުމުން މިއީ އައިއެސްގެ ހަމަލާތަކުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ހާދިސާއަށް އެ ހާދިސާ ނުވާނެއެވެ.
ސްރީލަންކާގެ މުސްލިމުން މިއަދު ހުކުރު ނަމާދަށް ނުދިއުމަށް ލަންކާގެ މުސްލިމުންގެ ކަންތައްތަކާ ބެހޭ މިނިސްޓަރު އަބްދުލް ހަލީމް ވަނީ އިލްތިމާސް ކުރައްވައިފިއެވެ.
ބިރުވެރިކަމުގެ ތެރޭގައިވާ ލަންކާގައި އަދިވެސް ދަނީ ކާފިއު އިއުލާން ކުރަމުންނެވެ. އަދި ސަލާމަތީ ބާރުތަކުން ދަނީ ގެތަށް ބަލާ ފާސްކުރަމުންނެވެ.
ލަންކާގައި އާދިއްތަ ދުވަހު އަށް ސަރަހައްދަކަށް ހަމަލާ ދީފައިވާ އިރު ތިން ފައްޅި އާއި ތިން ހޮޓަލާއި ޑެމަޓަގޮޑާގެ ގެއެއް ހިމެނެ އެވެ.
ހަމަލާތަކުގައި މަރުވި ގިނަ މީހުންނަކީ ލަންކާގެ ރައްޔިތުންކަމުގައި ވިއަސް ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ އެހާދިސާގައި މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުންވަނީ ޒަހަމްވެފައެވެ.