26 Apr 2019, 10:30
ނެށުންތެރިޔާ، މޮޑެލް އަދި ޕްރެޒެންޓަރު މަލައިކާ އަރޯރާ 45 އަކީ ހާއްސަ މީހެއް ނަމަވެސް ކައިވެންޏަށް އަދި ތައްޔާރު ނޫން ކަމަށް ބޮލީވުޑްގެ ބަތަލ،ު މަލައިކާގެ ލޯބިވެރިޔާ އަރްޖުން ކަޕޫރު 33، ބުނެފި އެވެ.
މި މަހު އެ ދެތަރިން ކައިވެނިކުރާނެ ކަމަށް މީޑިއާތަކުގައި ވެސް ވަރަށް ބާރަށް ދެކެވެމުން އައި އިރު މަލައިކާ ވަނީ އެކަން ދިގުކޮށްފަ އެވެ. ދެމީހުންގެ ކައިވެނީގެ ވާހަކަތަކަށް އަރްޖުން އޭރު ވާހަކަ ނުދެއްކި ނަމަވެސް ދާދި ފަހުން ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކައިވެންޏެއް ކުރަން އަދި ނޫޅޭ ކަމަށެވެ.
"މަލައިކާ އަކީ އަހަރެންނަށް ވަރަށް ހާއްސަ މީހެއް. އެކަމަކު އަވަސް އަރުވާލައިގެން ކައިވެނިކުރާކަށް ނޫޅެން. ކައިވެނީގެ މައުލޫއަކީ އަހަރެން އެއްވެސް ވަރަކަށް ދައްކަން ބޭނުންވާ މައުލޫއެއް ނޫން،"
އަރްޖުން ބުނީ މިވަގުތު ބޭނުން ވަނީ ލައިފް އެންޖޯއީ ކޮށްލަން ނަމަވެސް އޭނާގެ ކެރިއަރަށް މިވަގުތު ހާއްސަ އިސްކަމެއްދޭ ކަމަށެވެ. ކައިވެނިކުރާ ނަމަ އެކަން ވެސް އަންގާނެ ކަމަށާއި އެކަން ސިއްރެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މީޑިއާތަކާ ވެސް ހިއްސާކުރާނަން ކައިވެނިކުރާ ނަމަ،"
އެ ދެ ތަރިން އެންމެ ފުރަތަމަ އެއްކޮށް ފެނިފައި ވަނީ ފެޝަން ޝޯއެއްގެ ތެރެއިންނެވެ.
މަލައިކާ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއް ވެސް ލިބިފަ އެވެ. އަރްބާޒް އާއި އަރޯރާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގަ އެވެ.