ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވާ ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން 70 އަށް ވުރެ ގިނަ ގައިދީއަކު މިރޭ މިނިވަންކޮށް އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފިއެވެ.

މިރޭ އިރާކޮޅު މާލޭ ސިޓީ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިވަން ކުރި ގައިދީން އާއިލާތަކާ ހަވާލު ކުރީ ދީނީ ނަސޭހަތް ދިނުމަށް ފަހު އެވެ.

ގައިދީން ދޫކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑީޕީއާރްއެސް ހިންގުމާއި ހަވާލުވެހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވީ އާއިލާތަކުގެ ބެލުމުގެދަށަށް ކުށްވެރިން ދޫކުރިނަމަވެސް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގައިދީން ބައިވެރިވާން ޖެހޭނެ ކަމަށާއި މުޖުތަމައުތެރެއަށް ދޫކޮށްލި ނަމަވެސް ގައިދީން އުޅޭ ނޫޅޭގޮތް ބެލުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

http://sun.mv/albums/l_2035.jpg

އަދި މި ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ދެވަނަފަހަރަށް ކުށްތަކުރާރު ނުކުރުމަށްވެސް ނައީމް އެދިވަޑައިގެންނެވިއެވެ.

ދެވަނަ ފުރުސަތުގެ އޮފީހުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ނައީމް ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި ދެ މީހަކު ކުށަށް އަރައިގަތް މައްސަލަ ބަލަމުން އަންނަ ކަމަށާއި މަގުމަތީގައި ހަމަނުޖެހުން ހިންގުމާއި ވައްކަމުގެ މައްސަލައެއްގައި ދެ މީހެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި ހަ މީހެއްގެ މަސްތުވާތަކެތީގެ މައްސަލަތަކެއް ފަޅާއަރާފައިވާ ކަމަށްވެސް ނައީމް ވިދާޅުވިއެވެ.