އިދިކޮޅު ކޮންގްރެސް ޕާޓ(ޕީއެންސީ)ގެ ނައިބު ރައީސުންގެ އަދަދު ހަތަރަކަށް އިތުރުކުރުމަށް ކޮންގްރެސް އަށް ހުށަހެޅުމަށް އެޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.

ޕީއެންސީގެ މިހާރުގެ ނައިބު ރައީސުންގެ އަދަދަކީ، ދެއް ކެވެ. އެޕާޓީގެ ލީޑާޝިޕް އިންތިހާބުކުރުމާއި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅޫމަށް ބާއްވާ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދެވެ.

ކޮންގްރެސް އާ ގުޅޭގޮތުން މައުލޫމަތު ދިނުމަށް އެޕާޓީ ހިމެނޭ އިދިކޮޅު ކޯލީޝަނުން ރޭ އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ފޮނަދޫ ދާއިރާ މެމްބަރު އަބްުދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސުންގެ އަދަދު 4 އަކަށް ހެދުމަށްޓަކައި ޕަޓީގެ އަސާސީ ގަވާއިދަށް އިސްލާޙު ހުށަހެޅުމަށް ފެންނަ ކަމަށް ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަަމަށެވެ.

"މާދަމާގެ މަތީ މަޖިލީހުގައި [މިއަދު ބާއްވާ ކޮންގްރެސްގައި] އެ އިސްލާޙު ހުށަހެޅިގެން ދާނެ. ހުށަހެޅިގެން ދިޔާއިމަ މަތީ މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުނަށް އަތްޕުޅުގައި އޮތީ [ނައިބު ރައީސުންގެ އަދަދު] ހަތަރަކަށް ބަދަލުކުރާނީތޯ ނުވަތަ ދެ މަގާމު އޮތްގޮތަށް ބާއްވާނީތޯ،" އެ ޕާޓީގެ ނައީބު ރައީސުންގެ އަދަދު ހަތަރަކަށް ބަދަލުކޮށްފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ތަކަށް ރައްދުދެއްވާ އަދުރޭ ވިދާޅުވިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ނައިބު ރައީސުންގެ އަދަދު ހަތަރަކަށް އިތުރުކުރުމަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެޕްޝަން: ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ނައިބު ރައީސުންގެ އަދަދު ހަތަރަކަށް އިތުރުކުރުމަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް

އަދުރޭ ވިދާޅުވީ، ޕާޓީގެ އަސާސީ ގައިވައިދަށް ބަދަލު ގެނެވޭނީ ކޮންގްރެސް އިން ކަމަށާއި ކައުންސިލް ބައްދަލުވުމަކުން އަސާސީ ގަވާއިދަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

"އަސާސީ ގައިވާއިދަށް އަދި ބަދަލެއް ނުގެނޭ. އެއީ ގޯހެއް. އަސާސީ ގަވައިދަށް އިސްލާޙު ހުށަހަޅަން އަދި ނިންމާފައި އޮތީ، އަދުރޭ ވިދާޅުވިއެވެ.

ނައިބު ރައީސުންގެ އަދަދު ހަތަރަކަށް އިތުރުކުރުމަށް އިސްލާހު ހުށަހެޅުުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފަައިވާއިރު، ނައިބު ރައީސްގެ މަގާމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

ނައިބު ރައީސުންނަށް ކުރިމަތިލެއްވި ބޭފުޅުން:

  • މާވަށު ދާއިރާ އިންތިހާބީ މެމްބަރު މުހައްމަދު ސައީދު

  • ވިލިމާލެ ދާއިރާ މެމްބްރު އަހްމަދު ނިހާން
  • ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު
  • ލަންކާގެ ކުރީގެ އެމްބަސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • ކުރީގެ ތޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލް

ޕާޓީގެ ރައީސުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޕާޓީގެ މިހާރުގެ އިންތިހާލީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެކަންޏެވެ.

ޕާޓީގެ ކަންސިލަށް 31 ބޭފުލަކު ވަނީ ކުރިމަތިލައިފަ އެވެ. ކައުންސިލަށް ހޮވުމަށް ހަމަޖެހިފައި ވަނީ 20 ބޭފުޅެކެވެ.

އެޕާޓީން މީގެ ކުރިން ބުނި ގޮތުގައި ކައުންސިލަށް އަންހެން ފަސް މެމްބަރުންނާއި 35 އަހަރުން ދަށުގެ ޒުވާން ފަސް މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވަނީ، މިއަދު މެންދުރުފަހު 2:00 ގައި ބިލަބޮންގް އިންޓަނޭޝަލް ސުކޫލްގައެވެ.

މި ކޮންގްރެސް އިންތިޒާމް ކުރުމަށް ހަމަޖެހިފައިވަނީ، އެ ޕާޓިގެ ކޯލީޝަންގެ މައި ޕާޓީ، ޕީޕީއެމް އިންނެވެ.