26 Apr 2019, 00:29
ސްރީލަންކާއަށް ދާދި ފަހުން ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ އިސްތިއުފާ ދެއްވައިފިއެވެ.
ލަންކާގެ މީޑިއާތަކުން ބުނީ ހެމަސިރީ، އިސްތިއުފާގެ ސިޓީ މިހާރު ރައީސް މައިތިިރިޕާލަ ސިރިސޭނާއަށް އަރުވައިފައިވާ ކަމަށެވެ.
އޭނާ އިސްތިއުފާ ދެއްވީ، ރައީސް އިސްތިއުފާދެއްވުމަށް އަންގަވާފައިވަނިކޮށެވެ.
ލަންކާއަށް ދިން ވަރުގަދަ ހަމަލާ ހުއްޓުވުމުަށް އެގައުމުގެ ސިފައިންގެ އިސްވެރިން މަސައްކަތް ނުކުރާކަމަށް ބުނެ އެތައްބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ ހަމަލާގެ މައުލޫމާތު ކުރިން ލިބިފައިވާ ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެެވެ.
ލަންކާއަށް ޓެރެރިސްޓް ހަމަލާދިން ކަމަށް ތުހުމަތުކޮށްފައިވަނީ ތައުހީދު ޖަމާއަތުގެ މައްޗަށެވެ.
ލަންކާގައި މިދޔަ އާދިއްތަ ދުވަހު ލަންކާގެ ހޮޓާތަކަށާއި ފައްޅިތަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 359އަށް އަރާފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 39 މީހުން ހިމެނެ އެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން 60 މީހުން ހައްޔަރުކޮށްފަ އެވެ.