26 Apr 2019, 11:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރެނު އަމުރު ބާތިލު ކުރަން ހައިކޯޓުން ހުކުމްކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން އިއްޔެ ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ފުރަތަމަ އިބްތިިދާއީ އަޑުއެހުން ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ވަނީ މީގެ ކުރިން އެނގިފައި ނުވާ މައިގަނޑު ދެ ކަމެއް ހާމަަވެފަ އެވެ. އެއީ އާ ވާހަކަތަކެއް އިވިގެން ދިޔަ ޝަރީއަތެކެވެ.
ޒަމީރު ފައިސާ ހޯއްދެވި ގޮތް
އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށަށް ގެންދަން އުފެއްދީ ޔާމީނާއި އޭސީސީ ހިއްސާވާ އެސްކްރޯ އެކައުންޓެކެވެ. އެ އެކައުންޓު އުފެއްދި އިރު އެއްބަސްވީ ތަހުގީގު ނިމެންދެން އެ އެކައުންޓުގައި އެސްއޯއެފް އިން ޖަމާ ކުރި ފައިސާ ބެހެއްޓުމަށެވެ.
އެ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމަށް އެންގުމުން، އިސްލާމިކް ބޭންކުގެ އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދެވި އެއް މިލިއަން ޑޮލަރު ކަން މީގެ ކުރިން ވަނީ ހާމަވެފަ އެވެ.
އެހިސާބުން އުފެދުނު ސުވާލަކީ، އެސްކްރޯ އެކައުންޓަށް ޖަމާ ކުރަން ޒަމީރު ފައިސާ ހޯއްދެވީ ކިހިނެއް ހެއްޔެވެ؟
އިއްޔެ، ޝަރީއަތުގެ މަޖިލީހުގައި ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ހާމަ ކުރަމުން ދިޔަ އިރު ދައުލަތުގެ ވަކީލު އާލިމް ވިދާޅުވީ، އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރަން، ޒަމީރު ހުޅުމާލޭގައި އޮންނަ އޭނާގެ ބިމެއް ވިއްކާލި ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި ޒަމީރު އޭނާގެ ބިން ވިއްކާލެއްވީ ދެ މިލިއަން ޑޮލަރަށެވެ.
އެކަން ސާބިތު ކުރުމަށް، ދައުލަތުން ވަނީ ޝަފަވީ ހެއްކެއްގެ ގޮތުގައި މުހައްމަދު ވަސީމް އިސްމާއިލް ނަމަކަށް ކިޔާ މީހަކު ހުށަހަޅައިފައެވެ. އެ މީހާއަކީ ޒަމީރު އަތުން ބިން ގަތް މީހާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެ މުއާމަލާތް ހިނގިކަން ސާބިތު ކުރުމަށް ކިތާބީ ހެކީގެ ގޮތުގައި ބޭންކް ސްޓޭޓްމަންޓުތަކެއްވެސް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ޒަމީރުވެސް ހިމެނެ އެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރިކަން ސާބިތުކުރުމަށެވެ.
ޒަމީރަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަދި ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރެއްވިއެވެ.
ވޮޑަމުލާގެ ކުލީ ފައިސާ ޔާމީންގެ އެކައުންޓަށް؟!
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރަކީ، އެމްއެޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބޮޑު ބައެއް އެކުންފުންޏަކަށް ލިބުނު، އެސްއޯއެފް ކުންފުނިން ފަސް ލައްކަ ޑޮލަރުގެ ދެ ޗެކަކުން ޖަމާ ކުރި އެއް މިލިއަން ޑޮލަރު ކަމަށްވެ އެވެ. ޔާމީނަށް ކުރާ ދައުވާގައިވެސް ވަނީ އެ ފައިސާ އަކީ ކޮރަޕްޝަންގެ ކުށަކުން ލިބުނު ފައިސާ ކަމަށް ބުނެފަ އެވެ.
ދައުލަތުގެ ވަކީލު އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކުން އެނގިގެން ދިޔައީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ނަމަކަށް ކިޔާ ފަޅު ރަށެއް ދޫކޮށްގެން ލިބުނު ފައިސާ އާއި ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރާ ގުޅުވާލަން ދައުލަތުން މަސައްކަތް ކުރާ ކަމެވެ.
ގއ. ވޮޑަމުލާ: އެމްއެމްޕީއާރްސީ މެދުވެރިކޮށް އެ ރަށް ދޫކޮށްގެން ލިބުނު ފައިސާއާއި ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާއާ ގުޅުވާލުމަށް ދައުލަތުން ޝަރީއަތުގައި މަސައްކަތް ކުރޭ---
ގއ. ވޮޑަމުލާ އަކީ އެ އަތޮޅު ދާންދޫއާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ. އެ ރަށަކީ މީގެ ކުރިން މީހުން ޕިކްނިކް ގޮސް އުޅުނު ރަށެކެވެ. މިހާރު އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުވެއިތުގެ ކުންފުންޏަކުން ކުރަމުންދާ ކަމަށްވެ އެވެ.
ވޮޑަމުލާ ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހެނީ އެއް މިލިއަން ޑޮލަރުކަން ސާބިތުކޮށްދިނުމަށް ދައުލަތުން ވަނީ އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓު ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިކަމާއި، ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ނުލިބިގެން ލަސްވެގެން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިކަން ސާބިތުކުރުމަށް، ދައުލަތުން ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޒިޔަތު ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.
އެހެން ނަމަވެސް އެ ހުރިހާ ތުހުމަތަށް ރައީސް ޔާމީން އިއްޔެވެސް ޝަރީއަތުގައި ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެމަނިކުފާނު ވިދާޅުވަނީ ކުރެއްވި ކުށެއް އެ ދައުވާއިން ސާފުނުވި ކަމަށާއި ދައުލަތަށް އެކަން ބުނެ ނުދެވޭ ކަމަށެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ގިނަ ބަޔެއްގެ ސަމާލުކަން ދަމައިގަންނާނެ އެވެ. އަދި މިހާރަށް ވުރެ މާ ގިނަ އާ ވާހަކަތައް އެ ޝަރީއަތުން ފެންމަތިވެގެން އަންނާނެ އެވެ. ދެން އަދި އޮތީ އެ ޝަރީއަތުގެ އެންމެ ޝައުގުވެރި އަޑުއެހުންތަކެވެ.