26 Apr 2019, 09:13
ވޮޝިންޓަން (އެޕްރީލް 25) -- ލިބިޔާގައި ހިނގަމުންދާ ދާހިލީ އަރާރުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް ގަތަރާއި އެމެރިކާއިން ގޮވާލައިފި އެވެ.
މިކަމަށް ގޮވާލީ ގަތަރުގެ ހާރިޖީ ވަޒީރު މުހައްމަދު އަބްދުއްރަހްމާން އާލްޘާނީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ.
މުހައްމަދު އަބްދުއްރަހްމާން އާއި ޕޮމްޕެއޯ މަޝްވަރާ ކުރެއްވީ އެމެރިކާ އާއި ގަތަރާދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތަކާބެހޭގޮތުންނާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާބެހޭގޮތުން ކަމަށާ އޭގެތެރޭގައި ލީބިޔާ، އިރާގު، ސީރިޔާ، އަފްޣާނިސްތާން އަދި ސޫދާންގެ މައްސަލަތައް ހިމެނޭކަމަށް ގަތަރުގެ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.
ގަތަރަކީ އދ. ގެ ބެލުމުގެ ދަށުން ލީބިޔާގައި އުފައްދާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް ތާއީދުކުރާ އަދި ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ހަލީފާ ހަފްތަރާ އިދިކޮޅު ގައުމެކެވެ. ހަފްތަރަށް ވާގިވެރިވާ ކަމުގެ ތުހުމަތު ކުރެވެނީ ގަތަރުގެ ދުޝްމަނުން ކަމަށްވާ ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް އަދި މިސްރުގެ މައްޗަށެވެ. މި ތިން ގައުމުންވަނީ އަރަބި ގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށާއި ސަރުކާރުތައް ވައްޓާލަން ހިންގާ ހަރަކާތްތަކަށް ވާގިވެރިވާ ކަމުގެ ތުހުމަތު ގަތަރުގެ މައްޗަށް ކޮށްފަ އެވެ.
އަރަބި ދުނިޔޭގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާފަދަ ތަކްފީރީ ވިސްނުމުގެ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތުވެސް އެގައުތަކުން ގަތަރުގެ މައްޗަށް ކުރާއިރު ސީރިޔާ އާއި ލީބިޔާފަދަ ގައުމުތަކުގައި ހަރަކާތްތެރިވާ އެފަދަ ޖަމާއަތްތަކަށް ނުސީދާ ގޮތެއްގައި މާލީގޮތުން އެހީތެރިވާކަމުގެ ތުހުމަތު ގަތަރުންވެސް ގެންދަނީ ސައޫދީ އާއި ޔޫއޭއީ ގެ މައްޗަށް ކުރަމުންނެވެ. ގަތަރާއި ގަތަރުގެ ދުޝްމަން އަރަބި ގައުމުތަކަކީވެސް އެގައުމުތަކުގެ ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާ ގައުމުތަކެކެވެ.
ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކުން ގެންދަނީ ހަނގުރާމަ ކޮށްގެން ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން އާންމުންގެ އެތަށް ހާސްބަޔަކު މަރުވެ ތިން މިލިޔަން މީހުން ދިރިއުޅޭ ޓްރިޕޮލީ ގެ އިންފްރާސްޓްރަކްޗަރ މުޅިން ހަލާކުވެ އެސިޓީ ވީރާނާވެދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ޓްރިޕޮލީ ހިފުމަށް ކުރާ ހަނގުރާމައިގާ ހަފްތަރުގެ ބާރުތަކަށްވަނީ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ލަޝްކަރުތަކުގެ ފަރާތުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގާ ލީބިޔާގެ އެތަށް ބަޔަކު ކޮންމެ ދުވަހު ދަނީ މަރުވަމުންނެވެ. -- ނޫސްއެޖެންސީތައް