25 Apr 2019, 20:50
ގ. ކަމަރާގެ ހަތަރުވަނަ ފަންގިފިލާއިން އެލުމިނިއަން ކުޑަ ދޮރެއް ދުއްވަމުން ދިޔަ ސައިކަލެއްގެ މައްޗަށް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ މިއަދު ހަވީރު 05:30 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މީހަކަށް ކަމެއް ނުވިޔަސް އެވަގުުތު އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ދެ ސައިކަލަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލާއި މިހާރު ހިއްސާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް އިމާރާތްތަކުން ތަކެތި ވެއްޓުމުގެ ހާދިސާތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ބަނގުލަދޭޝް ކުޑަކުއްޖެއްގެ ގަޔަށް ވެއްޓި ވަނީ ނިޔާވެފައެވެ.
އޭގެ އިތުރުން ހަމަ އެފަދަ ހާދިސާއެއްގައި ހުޅުމާލޭގައި އިމާރާތްކުރަމުން ދިޔަ ތަނަކުން ވެއްޓުނު ގަލަކުން ޖެހި ބަނގުލަދޭޝް މީހަކުވެސް ވަަނީ ނިޔާވެފައެވެ.
އެފަދަ މައްސަލަތައް ބޮޑުވެ މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގައި އިމާރާތްކުރަމުންދާ ތަންތަނުގެ އިންސްޕެކްޝަނެއްވެސް ހަދައިފައެވެ. އަދި އިމާރާތްކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އިމާރާތްކުރުމުގެ ގަވައިދަށް ބަދަލު ގެންނަން ނިންމައި އެކަމުގެ މަސައްކަތް ފަށައިފައެވެ.