ތިމާވެއްޓާ ގުޅޭ އެކި މައްސަލަތައް ރިޕޯޓް ކުރުމަށް ހާއްސަ ހޮޓްލައިންއެއް ގާއިމްކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި އެ ހޮޓް ލައިން ގާއިމްކުރިކަން ވަނީ ޔަގީންކޮށްދީފައެވެ.

ތިމާވެށީގެ މައްސަލަތައް ރިޕޯޓްކުރުމަށް ގުޅަންޖެހޭ ނަންބަރަކީ 7980379 އެވެ. އެ ނަންބަރަށް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 08:00 އަށް މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށް އީޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން ވައިބާ އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ގަޑިއަކުވެސް މައްސަލަތައް ރިޕޯޓްކުރެވޭނެ ކަަމަށް އީޕީއޭއިން ބުންޏެވެ.

ފަހަކަށް އައިސް ތިމާވެށީގެ މައްސަލަތަކާ މެދު އާންމުންގެ ކަންބޮޑުވުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް އެކި ރަށްރަށުން ގިނަ އަދަދެއްގެ ރުއްް އުފުރައިގެން ރިސޯޓްތައް ހަދަމުންދާ ރަށްރަށަށަށް އަދި ރާއްޖެއިން ބޭރުން ރުއްްތައް ގެންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

އީޕީއޭއިން ބުނީ އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. އެގޮތުން ގަވައިދާ ހިލާފަށް ރުއްތައް ބޭރުކުރި މައްސަލައިގައި ބައެއް ކައުންސިލްތައް ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.