ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދުގެ ގޮނޑީގެ މައްސަލައިގައި، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އާއި ހައި ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ދެއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވައިފި އެވެ.

އަލީ، މިރޭ ސަންއަށް އިންޓަވިއު ދެއްވަމުން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ފާއިޒާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަރީފު ހާޒިރު ކޮށްދެއްވުމަށް ކޮމެޓީއަށް ހުށަޅުއްވުމުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ތާއީދު ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދެބޭފުޅު ކޮމެޓީއަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގަތީ އެއްވެސް ހާލެއްގައި ޒާތީ ކަމެއް އޮވެގެން ޝަރުއީ ނިޒާމާ ޖައްސާލައިގެން ނޫން ކަމަށެވެ.
"އަޅުގަނޑުގެ ކޮންސާންއެއް މިކަމުގައި އޮތީމާ އަޅުގަނޑު ހުށަހެޅީ، މީގައި ޒާތީ ކަމެއް ނެތް،" އަލީ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި ހައިކޯޓު އިސް ފާނޑިޔާރު ކޮމެޓީއަށް ހާޒިރު ކޮށްދެއްވުމަށް އަލީ އެދި ވަޑައިގެންނެވި ނަމަވެސް ކޮމެޓީގައި މިއަދު އެ މައްސަލައަށް ވޯޓަކަށް ނާއްސަވައެވެ. ވިދާޅުވީ އެ މައްސަލައިގައި ވޯޓަށް އަހާނީ އަންނަ ހޯމަ ދުވަހު ބާއްވާ ކޮމެޓީގެ ޖަލްސާގައި ކަމަށެވެ.

އަލީ ވިދާޅުވީ އިސްމާއިލް އަބްދު ހަމީދުގެ މައްސަލައަކީ ހަމައެކެނި އިސްމާއިލްގެ މައްސަލައެއް ނޫން ކަމަށާއި އެއީ ވަރަށް ގިނަ ބަޔަކާ ގުޅިފައިވާ ހައްސާސީ މައްސަލައެއް ކަމަށާއި އެ މައްސަލަ ޝަރުއީ މަރުހަލާގައި ލަސްވަމުންދާތީ ކަންބޮޑުވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އަދި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އަމިއްލަފުޅަށް ގަބޫލު ވެސް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިސްމާއިލަށް މިހާރު މުސާރަވެސް ނުލިބޭ... މިހެން އޮތް އިރު އިސްތިއުނާފު މަރުހަލާ އެހެން ގައުމުތަކުގައި 11 ވަރަކަށް ދުވަހުން އެބަ ނިމޭ. އަޅުގަނޑު ގަބޫލު ކުރަން ޝަރުއީ ތިން މަރުހަލާ ދާނެ. އެކަމަކު ތަންކޮޅެއް އަވަހަށް މިކަމަށް ގޮތެއް ނިމެންވާނެ. އެހެންވެގެން ކާށިދޫ ދާއިރާގެ 5000 އަށް ވުރެ ގިނަ ރައްޔިތުންނާ ގުޅިފައިވާ ކަމަކަށްވާތީ އެދުނީ، މިއީ ވަރަށް އިންސާފުވެެރިކަމާއެކު އަވަސްވާންޖެހޭ ކަމެއް" އަލީ ވިދާޅުވި އެވެ.

އިސްމާއިލް އަބްދުލް ހަމީދު ގޮނޑީގެ މައްސަލާގައި ހިޔާލު ތަފާތުންތަކެއް އުފެދިފައި ވަނީ ސަރުކާރުގެ މަގާމެއްގައި ހުރެ އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ ކްރިިމިނަލް ކޯޓުން އޭނާ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމްކުރުމުންނެވެ.

އެ މައްސަލައިގައި އަދި އެއްވެސް ގޮތެއް ނިމިފައި ނުވާއިރު އިސްމާއިލް ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އޭނާގެ އަމިއްލަ ދިފާއުގައި ބަޔާނެއް ވެސް އާންމު ކުރައްވާފައެވެ. އެ މައްސަލަ އަދި ހައިކޯޓުގައި ފަށާފައެއް ނުވެއެވެ.