ރާއްޖޭގެ އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލަޖީ (އައިސީޓީ) ދާއިރާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމުގެ ގޮތުން ހަރަކާތްތަކައް ހިންގަން ނިންމައިފިއެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދިރާގާއި، އުރީދޫ، ފޯކަސް އިންފޯކޮމް އާއި ވިމެން އިން ޓެކް އަދި ޓެކްނޮލޮޖީ މިނިސްޓްރީއާ ގުޅިގެންނެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ގާލްސް އިން އައިސީޓީ" ދުވަހެވެ. މިއީ އަންހެން ކުދިންނާއި ޒުވާން އަންހެނުން އައިސީޓީގެ ދާއިރާއިން ކިޔެވުމަށް ކެރިއާއެއްގެ ގޮތުގައި އިހުތިޔާރުކުރުމަށް ބާރު އަޅައި ހިތްވަރުދިނުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ރާއްޖޭގެ ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އައިސީޓީގެ ދާއިރާއިން މުޅި ދުނިޔޭގައިވެސް ގްރެޖުއޭޓްވެ ނިކުންނަނީ އެންމެ ތިން ޕަސެންޓް އަންހެނުން ކަމަށާއި އަދި ރާއްޖޭގައިވެސް އެ ދާއިރާގައި ޕްރޮފެޝަނަލް އަންހެނުން މަދު ކަމަށެވެ.

އެ ދާއިރާއަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގާނީ އަހަރުދުވަހަށް ބަހާލައިގެން ކަަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުންޏެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލުތަކުގައި އައިސީޓީ ދާއިރާއަށް އަންހެން ކުދިން ޝައުގުވެރި ކުރުވުމަށް އެ ދާއިރާގައި މިހާރު މަސައްކަތްކުރައްވައި އަންހެން ޕްރޮފެޝަނަލުން ވަޑައިގެން މައުލުމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ސުކޫލުތަކާއި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓެކްނޮލޮޖީ ކުންފުނިތަކުގައި ވަޒީފާގެ ރޮނގުން ކުރިއަށް ދެވޭނެ ފުރުސަތު އަންގައިދިނުމުގެ ގޮތުން ބާއްވާ ސައިޓް ވިޒިޓްތައް ހިމެނޭނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުންޏެވެ.