ސްރީލަންކާގެ މުސްލިމުން މާދަމާ ހުކުރު ނަމާދަށް ނުދިއުމަށް ލަންކާގެ މުސްލިމުންގެ ކަންތައްތަކާ ބެހޭ މިނިސްޓަރު އަބްދުލް ހަލީމް އިލްތިމާސް ކުރައްވައިފިއެވެ.

ހަލީމް ވިދާޅުވީ މިއީ ލަންކާގެ ކްރިސްޓިއަންދީނުގެ މީހުންގެ ހިތާމައިގައި ބައިވެރިވެ އެމީހުންނާއެކު ތިބެންވީ ވަގުތު ކަމަށެވެ.

މިސްކިތްތަކުގައި ހުކުރު ނަމާދު ނުކުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

ލަންކާއަށް ޓެރެރިސްޓް ހަމަލާދިން ކަމަށް ތުހުމަތުކޮށްފައިވަނީ ތައުހީދު ޖަމާއަތުގެ މައްޗަށެވެ. ލަންކާގެ ފުލުހުން ބުނީ އެ ޖަމާއަތުން ލަންކާގެ މުސްލިމުންގެ މިސްކިތަކަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އިންޒާރުތަކާ ގުޅިގެން ލަންކާގެ އައުލިޔާ މިސްކިތުން މިހާރު ވަނީ މާދަމާ އެ މިސްކިތުގައި ޖަމާއަތުގައި ހުކުރު ނުކުރާ ގޮތަށް ނިންމައިފައެވެ.

ލަންކާގައި މުސްލިމުންނަކީ ބައި މަދު ބައެކެވެ. ލަންކާގެ އާބާދީގައި މުސްލިމުން ހިއްސާކުރަނީ އެންމެ ހަތް ޕަސެެންޓެވެ.

ލަންކާގައި މިދޔަ އާދިއްތަ ދުވަހު ލަންކާގެ ހޮޓާތަކަށާއި ފައްޅިތަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 359އަށް އަރާފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 39 މީހުން ހިމެނެ އެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން 60 މީހުން ހައްޔަރުކޮށްފަ އެވެ.