25 Apr 2019, 18:56
ހިއުމަން ރައިޓްސް ކޮމިޝަންގެ ނެޝެނަލް ޕްރިވެންޓިވް މެކޭނިޒަމް ޑިޕާޓްމަންޓްގެ ބޭފުޅުން މާލޭގެ ޖަލުގެ ހާލަތު ބަލައިފިއެވެ.
އެޗްއާރުސީއެމްއިން ބުނީ ޖަލުގެ ހާލަތު ބަލައިހަދައިފައިވަނީ އިއްޔެ އާއި މިއަދު ކަމަށެވެ.
މިއީ މާލޭ ޖަލަށް 2011، 2014 އަދި 2017 ވަނަ އަހަރު ކޮށްފައިވާ ޒިޔާރަތްތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު ދެނެގަތުމާއި، ތަންފީޒު ނުވެ ގިނަ ދުވަސްވެފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ ގޮތުން ކުރި ޒިޔާރަތެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ޒިޔާރަތަށްފަހު ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި މާލޭ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
އެ ޒިޔާރަތުގެ މައްޗަށް ބިނާކޮށް ލިޔާ ރިޕޯޓު ތައްޔާރުކޮށް އެ ރިޕޯޓް މާލޭ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާކުރުމަށްފަހު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއެކު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްއާރުސީއެމްއިން ބުންޏެވެ.
އޭގެއިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.