ވޮޝިންޓަން (އޭޕްރިލް 25): އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެގައުމުގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގެ 46 ވަނަ ރައީސްކަމަށް ވާދަ ކުރައްވާނެކަން ވީޑިއޯ މެދުވެރިކޮށް އިއުލާން ކުރައްވަމުން ބައިޑެން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ގައުމުގެ ޑިމޮކްރަސީ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވެރިކަމަށް ކުރިމަތިލައްވަނީ "ގައުމުގެ ރޫހު ސަލާމަތް ކުރަން ހަނގުރާމައެއް" ފަށާފައިވާތީ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބުކަން 2009އިން 2017އަށް ކުރެއްވި ބައިޑެން ވަނީ މީގެ ކުރިން ދެ ފަހަރަކު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކަމަށް ކުރިމަތިލައްވާފަ އެވެ. ނަމަވެސް 1988 ވަނަ އަހަރާއި 2008 ވަނަ އަހަރުވެސް ނާކާމިޔާބުވި އެވެ. އަދި 2016 ވަނަ އަހަރުވެސް ވެރިކަމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، ބައިޑެންގެ 46 އަހަރުގެ ދަރިފުޅު، ސިކުނޑީގައި އުފެދުނު ޓިއުމާއެއްގެ ސަބަބުން އަވަހާރަވުމުން އެފަހަރު ވާދަ ނުކުރެއްވީ އެވެ.

ބައިޑެންގެ އިތުރުން 19 ބޭފުޅަކު ޑިމޮކްރެޓިކް ޓިކެޓަށް ވާދަ ކުރައްވާނެ އެވެ. އޭގެ ތެރޭގައި ސެނެޓާ ބާނީ ސޭންޑާސް، ސެނެޓާ އެލިޒަބެތު ވޮރެން، ސެނެޓާ ކަމަލާ ހެރިސް އަދި ސެނެޓާ ކާސްޓެން ޖިލިބްރޭންޑް ހިމެނެ އެވެ. ނަމަވެސް ތަޖުރިބާގެ ގޮތުންނާއި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު ތަރުހީބެއް ލިބެނީ ބައިޑެންއަށެވެ.