25 Apr 2019, 15:56
ކޮލަމްބޯ (އޭޕްރިލް 25): ސްރީލަންކާއަށް އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި ބައިވެރިވި ދެބެއިންގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ލަންކާގައި ބޮން ގޮއްވާލި ހާދިސާއާ ގުޅިގެން މުހައްމަދު ޔޫސުފް އިބްރާހިމް ހައްޔަރު ކުރީ އާދިއްތަ ދުވަހުގަ އެވެ. އެއީ އެދުވަހުގެ ހަމަލާތަކުގައި އިންޝަފް އަހުމަދު އިބްރާހިމް އާއި އިލްހާމް އަހުމަދު އިބްރާހިމް އަމިއްލައަށް މަރުވި ފަހުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން ޝަންގްރިއްލާ ހޮޓެލުގައި ބޮން ގޮއްވާލީ އިންޝަފް އެވެ. އަދި ސިނަމަން ގްރޭންޑުގައި ބޮން ގޮއްވާލީ އިލްހާމް އެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު ރުވަން ގުނަސެކަރަ ވިދާޅުވި ގޮތުގައި މުހައްމަދު ޔޫސުފް އިބްރާހިމް ހައްޔަރު ކުރީ ހަމަލާތައް ދިނުމުގައި އޭނާގެ ދެކުދިންނަށް އެހީވުމުގެ ތުހުމަތުގަ އެވެ. އަދި އެމައްސަލައިގައި އިބްރާހިމްގެ އާއިލާގެ ހުރިހާ މެމްބަރުންވެސް ހައްޔަރުކޮށްފައިވާ ކަމަށް ބެލެވެ އެވެ. އޭނާގެ އިތުރު ފިރިހެން ދަރިއަކާއި ތިން އަންހެން ދަރިން ތިބޭ ކަމަށް ރޮއިޓާސްގައިވެ އެވެ.
މުހައްމަދު އިބްރާހިމްއަކީ ހަވާދުގެ ބާވަތްތައް ވިއްކާ، އެކްސްޕޯޓު ކުރާ ކުންފުންޏެއްގެ ވެރިޔާ އެވެ. އޭނާގެ އަވަށްޓެރިން ބުނާ ގޮތުގައި އެއާއިލާއަކީ ކޮލަމްބޯގެ އެންމެ މުއްސަނދި އެއް އާއިލާ އެވެ. އަދި އެމީހުންނަކީ ގައުމުގެ ވިޔަފާރިތަކާއި ސިޔާސީ އިސް ފަރާތްތަކާ ގުޅުން އޮންނަ ބަޔެކެވެ.
އެއާއިލާއާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެދެބެއިންގެ ތެރެއިން ހަގު ދަރިފުޅު ކަމަށްވާ 31 އަހަރުގެ އިލްހާމް އަކީ ހައްދުފަހަނައަޅާފައިވާ ފިކުރު ފަތުރާ އަދި ނެޝަނަލް ތައުހިދު ޖަމާއަތް (އެންޓީޖޭ)ގެ ބައްދަލުވުންތަކުގައި ބައިވެރިވި މީހެކެވެ.
ލަންކާގެ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގައި ހަމަލާތައް ދިނީ އެންޓީޖޭ އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހީމް (ޖޭއެމްއައި) ގުޅިގެން، ބޭރުގެ އެހީއާ އެކުގަ އެވެ.
ލަންކާގެ ހަމަލާތަކުގައި 359 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 70އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.