25 Apr 2019, 15:45
10 އަހަރު ފަހުން ނަގާ ގޮތަށް ހދ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގައި ޓައިމް ކެޕްސޫލްއެއް ވަޅުލައިފި އެވެ.
މިއީ އެ ސްކޫލަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ވަޅުލި ޓައިމް ކެޕްސޫލެކެވެ. އެކަމަށް ޓަކައި މިއަދު ހެނދުނު ވަނީ އެ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކެޕްސޫލް ވަޅުލައިދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ. މީގެ އިތުރުން ކެޕްސޫލް ވަޅުލުއްވުމުގައި އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އަދި ފީޓީއޭގެ އިސް ބޭފުޅުންނާއި ކެޕްސޫލް ވަޅުލުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ ވިދާޅުވީ އެ ކެޕްސޫލަށް އެ ސްކޫލުގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުންގެ ލިޔުންތައް ލާފައިވާ ކަމަށެވެ.
" އެ ލިޔުންތަކުގައި ހުންނާނެ 10 އަހަރުގެ ފަހުން ސްކޫލު އޮންނާނެ ތަސައްވަރާމެދު ދަރިވަރުން ލިޔެފައިވާ ހިޔާލުތައ. އެ ލިޔުންތައް ހުންނާނީ ލެމިނޭޓްވެސް ކޮށްފައި" ނާސިހާ ވިދާޅުވިއެވެ.
ނާސިހާ ވިދާޅުވީ އެ ކެޕްސޫލް ގިނަ ދުވަހަށް ހަލާކުނުވާނެގޮތަށް ހެދުމުގެ ގޮތުން، ކެޕްސޫލު ވަޅުތަނުގައި ކޮންކްރީޓްވެސް އަޅާއިފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސްކޫލުތަކުގައި މީގެ ކުރިންވެސް ކެޕްސޫލްތައް ވަޅުލައިފައިވެއެވެ. އަދި ކެޕްސޫލްތައް ނަގަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން އެ ކެޕްސޫލްތައް ނަގައި ހަދައިފައިވެސް ވެއެވެ. މިފަހުން މަޖީދިއްޔާގައި ވަޅުލި ކެޕްސޫލެއް ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ. އެހެން ނަމަވެސް އޭގައި ހުރި ބައެއް ތަކެތި ވަނީ ބިންގަނޑު ކޮނުމުގެ ތެރޭގައި ފެނިފަ އެވެ.