25 Apr 2019, 15:00
ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާ އެކު ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅައިފި އެވެ.
މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ އިތުރުން އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދު ވެސް ވަނީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑާ ކުރުމުގެ ދައުވާ އެވެ. އެ ދައުވާގެ ފުރަތަމަ އިިބްތިދާއީ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވީ މެންދުރު 1:00 ގަ އެވެ.
އެ އަޑުއެހުުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ޕީޖީގެ ވަކީލު މުހައްމަދު އާލިމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމް މަނާ ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ކަމަށެވެ.
ދައުވާގައި ބުނީ، އެމްއެމްޕީއާރްސީގެ ފައިސާ ވަތް އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށެވެ. އަދި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށް ދައުވާގައިވެ އެވެ.
ދައުވާ ސީޣާގައި އިތުރަށް ބުނެފައި ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭސީސީ އާއި ޔާމީން ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަކަށް ޔާމީންގެ ޑޮލަރު އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު އެއީ ޑޮލަރު އެކައުންޓަށް ވަން ފައިސާ ކަމަށް ދައްކައި އޮޅުވާލާފައިވާ ކަމަށެވެ. ދައުލަތުން ސާބިތުކޮށްދޭން އުޅެނީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާ ކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކަމަށެވެ.
ހެކިންގެ ގޮތުގައި ޔާމީންއާ ގާތް ބޭފުޅުން!
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ވަނީ ޝަފަވީ އަށް ހެއްކިވެރިންނެވެ. އެއީ އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު ބީއެމްއެލްގެ ބޯޑް މެމްބަރުން މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ.
އޭގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ނަމަކަށް ކިޔާ މީހަކުވެސް ވަނީ ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅައިފައެވެ.
ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކެމްޕޭނަށް އެމަނިކުފާނަށް ދިން ފައިސާ ކަމަށެވެ.
ޕީޕީއެމްގެ ކެމްޕޭނުގެ ފައިސާ އޭރު ބަލަހައްޓަމުން ގެންދެވީ ކުރީގެ ނައިބު ރައީސް އަދީބެވެ. އަދީބު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާާފައި ވަނީ، ޕީޕީއެމްއިން ކެމްޕޭނުތަކަށް ފައިސާ ހަވާލު ކުރާ އިރު އެއް މިލިއަން ޑޮލަރުހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ނުދޭނެ ކަން ސާބިތުކޮށްދިނުމަށެވެ. އަދި ޕީޕީއެމް އިން ފައިސާ ހަވާލު ކުރާ އިރު އެންމެ ގިނައިންވެސް ހަވާލު ކުރީ އެއް ލައްކަ ރުފިޔާ ކަމާއި، އަބަދުވެސް ފައިސާ ދެނީ ދިވެހި ފައިސާންއިން ކަން އަދި ޑޮލަރުން ނޫންކަން ސާބިތުކޮށްދިނުމަށެވެ.
އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމްއެމްޕީއާރްސީއިން ރަށްތައް ދޫކުރުމުގައި، ރައީސް ޔާމީންގެ މަޝްވަރާ ހޯދި ކަމާއި، ރަށްތަކުގެ އަގާއި އެހެނިހެން ކަންތައްތަކުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތުކުރުމުގެ ގޮތުންނެވެ.
އެސްއޯއެފް އިން ރައީސް ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ނަމަކަށް ކިޔާ ފަޅުރަށެއް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރުކަން ސާބިތުކޮށްދިނުމަށްވެސް ދައުލަތުން ޝަރީއަތުގައި މަސައްކަތް ކުރެ އެވެ. ޒިޔަތު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެކަންވެސް ސާބިތު ކުރުމަށެވެ.
އޭސީސީގެ ރައީސް ލުތުފީ އާއި މުއައްވިޒު ހެކިވެރިންގެ ގޮތުގައި ހުށަހަޅާފައި ވަނީ ރައީސް ޔާމީންއާއި އޭސީސީ ގުޅިގެން އުފެއްދި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާ ކުރި ގޮތުގެ ތަފްސީލު ހާމަކުރުމުގެ ގޮތުންނެވެ. އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާ ކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކަމަށްވެ އެވެ. ދައުލަތުން އޭނާ ހާޒިރު ކުރަނީ އެއް މިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރިކަން ސާބިތު ކުރުމުގެ ގޮތުންނެވެ.
ދައުލަތުން އިތުރަށް ސާބިތުކޮށްދޭން މަސައްކަތް ކުރަނީ ޒަމީރު އެއް މިލިއަން ޑޮލަރު ހޯދީ ހުޅުމާލޭގައި އޮތް އޭނާގެ ގޯއްޗެއް މުހައްމަދު ވަސީމް އިސްމާއިލްއަށް ވިއްކައިގެން ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ޒަމީރުގެ ގޯތި ވަސީމްއަށް ވިއްކީ ދެ މިލިއަން ޑޮލަރަށް ކަމަށެވެ. ބީއެމްއެލްގެ ދެ ބޯޑު މެމްބަރުން ކަމަށްވާ ލުވެއިޒް އާއި ޝަރީފު ހެކިވެރިންގެ ގޮތުގައި ހުށަހެޅީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ބޭންކުގެ ތެރެއިން ކުރަން ޖެހޭ ކަމަކަށް ވާތީ އެ ފައިސާ ބޯޑުގެ އެހެން މެމްބަރުންނާ ގުޅިގެން ޖަމާ ކުރުމާ ބެހޭ ގޮތުން، ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ދައްކަވާފައިވާ ވާހަކަތަކެއް ހާމަކުރުމުގެ ގޮތުންނެވެ.
ގިނަ ކިތާބީ ހެކިތަކެއް!
ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި އެސްކްރޯ އެކައުންޓު އުފައްދަން ޔާމީނާ އެކު އޭސީސީއިން ހެދި އެއްބަސްވުމާއި، އޭސީސީގެ ތަހުގީގަށް ޔާމީން ދީފައިވާ ބަޔާނާއި، ޔާމީންގެ މާލީ ބަޔާނާއި، ޔާމީންގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓުތައް ހިމެނެ އެވެ.
ރައީސް ޔާމީން ފުލުހުންނަށް ދިން ބަޔާން ވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އެ ބަޔާން ހުށަހަޅާފައި ވަނީ، އެސްކްރޯ އެކައުންޓަށް ޖަމާ ކުރި ފައިސާ އަކީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެސްއޯއެފް އިން ޖަމާ ކުރި ފައިސާކަމަށް ރައީސް ޔާމީން ތަހުގީގުގައި ބުނެފައިވާކަން ހާމަކުރުމަށެވެ.
އޭގެ އިތުރުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ދެ ސިޓީއެއް ހިމެނެ އެވެ. އޭގެ ތެރެއިން އެއް ސިޓީއަކީ އެސްކްރޯ އެކައުންޓަށް ޖަމާ ކުރި ފައިސާ އަކީ ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ފައިސާ ނޫންކަން ސާބިތުކޮށްދިނުމަށް ހުށަހެޅި ސިޓީއެކެވެ. އަނެއް ސިޓީއަކީ އެމްއެމްޕީއާރްސީއިން ރަށްތައް ދޫކުރެވޭނެ ގޮތަށް އެމްއެމްޕީއާރްސީގެ މެންޑޭޓު ބަދަލުކުރަން ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގައި ރައީސް ޔާމީން ބުނެފައިވާކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ސިޓީއެކެވެ.
އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެ ރިޕޯޓު ހުށަހަޅާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެ ދަށް ދޫކުރަން އެއްބަސްވި ދުވަހު އެސްއޯއެފްއަށް ޖަމާކުރިކަން ސާބިތުކުރުމަށެވެ. އޭގެ އިތުރުން، އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ދެ ޗެކަކުން ޖަމާ ކުރި ކަމަށް ސާބިތުކޮށްދިނުމަށް، ފިލައިގެން އުޅޭ ދެ މީހެއްގެ ބަޔާން ނަގައި އެ ބަޔާންތައް ހުށަހެޅުމަށްވެސް ދައުލަތުން ވަނީ ނިންމާފަ އެވެ. އެ ދެމީހުންގެ ބަޔާން ނަގާފައި ވަނީ ހެކިތައް ހުށަހެޅި ފަހުންނެވެ. އެހެން ކަމުން، ދައުލަތުން ވަނީ އެ ދެ ބަޔާންވެސް ހެކީގެ ތެރޭގައި ހިމެނުމަށް އެދިފަ އެވެ.
ޔާމީނަށް ދައުވާ ސާފު ނުވި، ހުށަހެޅުންތައް ހުށަހަޅަން 10 ދުވަސް!
ދައުވާ އިއްވައި، ހެކި ހާމަކޮށް ނިމުނުން، ގާޒީ ހައިލަމް ވަނީ ދައުވާ ސާފުވެއްޖެތޯ ޔާމީންއާ ސުވާލުކުރައްވައިފަ އެވެ. ޔާމީން ވިދާޅުވީ ދައުވާގައިވާ ކަންތައްތައް ސާފު ނުވާ ކަމަށެވެ. ސާފު ނުވާ ކަންތައްތައް ފާހަގަ ކުރައްވަމުން، ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރީ ކޮން ބަޔަކު ކިހިނެއް ކަމާއި، ދައުވާ ސީޣާގައި މަނީލޯންޑަރިން މާނަ ކޮށްފައިވާ ގޮތާއި، މަނީ ލޯންޑަރީ ކަމަށް ބެލެވެނީ ރައީސް ޔާމީން ކުރި ކޮން ޓްރާންސެކްޝަނަކުން ކަމެއް ސާފު ނުވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު އާލިމް ވިދާޅުވީ، މަނީ ލޯންޑްރީ މާނަ ކުރީ މަނީ ލޯންޑްރީ އާއި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުން ކަމަށެވެ. އަދި އެ އަކުރުގެ 11 ވަނަ ނަމްބަރުވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ފައިސާ ޖަމާ ކުރި ގޮތް ހެކީގެ ގޮތުގައި ހިމަނަން އެދުނު ދެ ބަޔާނުން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
އެސްއޯއެފްގެ ފައިސާއަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާކަން މިހާރު ކޯޓަށް ހުށަހެޅިފައިވާ އެހެން މައްސަލަތަކުން ވެސް އެނގޭކަން ފާހަގަ ކުރައްވައި އާލިމް ވިދާޅުވީ، މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ކުރަނީ ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާފައިވާ ފައިސާތަކެއް ފޮރުވަން އުޅުމުން ކަމަށެވެ. ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ތަފްސީލުކޮށްދިނުމަށް ގާޒީ އެދުމުން އާލިމް އެދުނީ އެކަމަށް އިތުރު ފުރުސަތެއް ދެއްވުމަށެވެ. އެ ފުރުސަތު ދެއްވައި ގާޒީ ވަނީ ގާނޫނުލް އުގޫބާތާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ކޮޕީއެއް އޭނާއަށް ދެއްވާފަ އެވެ. ވަކީލު ދެ ގާނޫނު ބައްލަވާފައި ވިދާޅުވީ، އެ ދެ ގާނޫނުގައި ވެސް ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ބުނެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ރިޝްވަތު ހިފުން ހުއްޓުވުމާއި، މަގާމުގެ ނުފޫޒުގެ ނާޖާއިޒް ފައިދާ ހޯދުން ހުއްޓުވުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ޔާމީންގެ ވަކީލު ވަނީ ދައުލަތުން ކުރާ ދައުވާ ދައުލަތަށް ސާފު ނުވުމަކީ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހެޅުމަށް ޔާމީންގެ ފަރާތުން ވަނީ 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް ބުނެފަ އެވެ. ގާޒީ ހައިލަމް ވަނީ ހުށަހެޅުންތައް ހުށަހަޅަން 10 ދުވަސް ދެއްވާފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރީމާނާ އަކާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނުވަތަ ލޯންޑާ ކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ މަދު ނުވާ އަދަދަކުން ކުރާ ޖޫރީމާނާއަކާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.