މިފެށޭ 19 ވަނަ މަޖިލީހުގެ ރައީސްކަމަަށް އަންހެން ބޭފުޅަކު ހަމަޖެއްސުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ތާއިދުކުރައްވައިފި އެވެ.

ދުންޔާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގައި އަންހެން ބޭފުޅަކު ހުންނަތަން ފެނިގެން ދިއުމަކީ ޖިންސުގެ ހަމަހަމަކަން ހާސިލްކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަދި މުސްތަގުބަލްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންހެނުން ވާދަކުރުމަށް ލިބޭނެ ބޮޑު ހިތްވަަރެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އެފަދައިން ވިދާޅުވި އިރު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ވިދާޅުވީ އަންހެނަކު މަޖިލީހުގެ ރައީސްއަކަށް ގެންނަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް އަންހެން މެންބަރަކު ގެނައުމަކީ ނަމޫނާ އަކަށްވާނެ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ރޮޒައިނާ އާދަމް ދާދި ފަހުން ވަނީ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިވާކަން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ މަޖިލީހުގެ ރައީސްކަމަށް އަންހެނަކު ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ނަވާރަ ވަނަ މަޖިލީހަށް ޖުމްލަ ހޮވިފައިވަނީ ރޮޒައިނާއާއެކު އެންމެ ހަތަރު އަންހެން މެމްބަރުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާ އަށް އީވާ އަބްދުﷲ، ހިންނަވަރު ދާއިރާއަށް ޖީހާން މަހުމޫދު، އަދި ތުޅާދޫ ދާއިރާ އަށް ހިސާން ހުސައިން އެވެ.

ރޮޒައިނާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެއީ އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި ވިލިފުށި ދާއިރާއަށް އިންތިހާބުވެފައިވާ ހުސެއިން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ކާށިދޫ ދާއިރާއަށް އިންތިހާބުވެފައިވާ އަބްދުﷲ ޖާބިރެވެ.