އައްޑު އާއި ފުވައްމުލަކުގައި އަންނަ މަހު 10 އެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ދިމާކޮށް އެ ދެރަށުގައި 11 ދުވަހުގެ ކަލްޗްރަލް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

ސާކުގެ ހަތަރު ގައުމަކާއި ޗައިނާގެ ކަލްޗްރަލް ގުރޫޕުތަކުން ވެސް ބައިވެރިވާ އެ ފެސްޓިވަލް ބާއްވަނީ އައްޑޫގެ ފަސް ތަނެއްގަ އާއި ފުވައްމުލަކުގެ ދެ ތަނެއްގައި ކަމަށް ސާކް ސަމިޓްގެ ޓާސްކް ފޯހުން މުހަންމަދު ލަތީފް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ އެކެއްގައި ފަށާ އެ ފެސްޓިވަލް ހުއްޓުމެއްނެތި 11 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ފެސްޓިވަލްގައި ރާއްޖޭގެ ފަންނާނުންނަށް ވެސް ބައިވެރި ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތުން ހަރުބީ އާއި އޮލިމްޕިއަންސް އަދި ޑިމްބާއިން ބައިވެރިވާނެ ކަމައްވެސް އޭނާ ވިދާޅުވި އެވެ. އެ ފެސްޓިވަލްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސްަ ބައިވެރިވާން ޖެހޭނީ އަމިއްލައަށް ސްޕޮންސަ ހޯދައިގެން ކަމައްވެސް ލަތީފް ވިދާޅުވި އެވެ.

"ސްޓޭޓް ބަޖެޓުން އެއްވެސް ހަރަދެއް ނުކުރަން. ބައިބވެރިވާން ބޭނުންވާ ފަރާތްތަކަށް ސްލޮޓް މިދެނީ. ދެން އެބޭފުޅުން ސްޕޮންސަހޯއްދަވައިގެން ހަރަދުތައް ކުރައްވަން ޖެހޭނީ،" ލަތީފް ވިދާޅުވި އެވެ.

އެގޮތުން މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ގިނަ އާޓިސްޓުންތަކެއް ސްޕޮންސަކޮށްފައިވާކަމަށެވެ.

އެ ފެސްޓިވަލްގެ މަގުސަދަކީ ސާކް ސާމިޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް އާޓިސްޓުންގެ ހުނަރުތަށް ގެނެސްދިނުން ކަމައްވެސް އޭނާ ވިދާޅުވި އެވެ.

"އާޓިސްޓުންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް މިއީ. ބޭރުގެ މީޑިއާ އާއި ޑެލިގޭޓުންނަށް މި ހަރަކާތްތައް ދައްކާލެވޭނެ،" ލަތީފް ވިދާޅުވި އެވެ.