ގާނޫނީ ވަކީލު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މޫސާ ސިރާޖު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން ވަނީ މިއަދު 15:00 އަށް ސިރާޖު ޑީޖޭއޭއަށް ހާޒިރުވާން ޗިޓު ފޮނުވާފައެވެ. އޭނާ ހާޒިރު ކުރަނީ އެ ޗިޓުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ބޭނުމަކަށެވެ.

ސިރާޖު ހާޒިރުވާން އަންގާފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެ ޓްވީޓު ކުރައްވައިފައެވެ. އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ތިބީ ކޮރަޕްޓް ފަނޑިޔާރުން ކަމަށާއި އެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޭނާ ހާޒިރުވާން އެންގުމުން، އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސިރާޖު ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރު ކުރި ނަމަވެސް، ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ބަދަލެއް ނުކުރައްވާނެ ކަމަށެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރައްވަން ކުރައްވާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް މީޑިއާގައި ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ނިންމައި އިއްޔެ ވަނީ އޭނާގެ ބަޔާނެއްވެސް ނަގައިފައެވެ.