25 Apr 2019, 10:32
އެޑިންބަރާ (އެޕްރީލް 25): އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވިނަމަވެސް އެއިއްތިޙާދުގައި އޮތުމަށް ސްކޮޓްލެންޑް ބޭނުންވާތީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ވަކިވުމާމެދު އަލުން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ސްކޮޓްލެންޑްގެ ބޮޑުވަޒީރު (ފަސްޓް މިނިސްޓަރު)، ނިކޮލާ ސްޓާޖަން ވިދާޅުވެއްޖެ އެވެ.
އެޑިންބަރާގައި ސްކޮޓްލެންޑްގެ ޕާލަމެންޓް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސްޓާޖަން ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާނެކަން މިހާރު ކަށަވަރުވެފައި ވާތީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމާ މެދު 2014 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގެ ބޭނުން މިހާރު ނެތްކަމުގަ އެވެ. އެ ވޯޓުގައި ސްކޮޓްލެންޑްގެ ރައްޔިތުންގެ 55 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިނުވުމަށެވެ.
ސްޓާޖަން އަކީ ސްކޮޓްލެންޑްގެ ގައުމީ ފިކުރުގެ ޕާޓީ ކަމަށްވާ ސްކޮޓިޝް ނެޝަނަލް ޕާޓީގެ ޒައީމެވެ. ސްކޮޓްލެންޑް އިނގިރޭސި ދައުލަތުން ވަކިވެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ސްކޮޓްލެންޑް މިނިވަންކުރުމަކީ ސްކޮޓިޝް ނެޝަނަލް ޕާޓީގެ ލަނޑުދަނޑިއެކެވެ. ސްކޮޓްލެންޑްގެ ޕާލަމެންޓްގެ އައްލަބިއްޔަތު އޮތީ ސްކޮޓިޝް ނެޝަނަލް ޕާޓީ އަށް ކަމަށްވާތީ ސްކޮޓްލެންޑް މިނިވަންވުމާމެދު ފެންނަ ނުފެންނަ ވޯޓެއް އަލުން ނެގުމަށް އެގައުމުގެ ޕާލަމެންޓަށް ހުށަހަޅައިފި ނަމަ އެކަން ފާސްވާނެކަމަށް ވަނީ ބެލެވިފަ އެވެ. ފެންނަ ނުފެންނަ ވޯޓަކަށް ދެވެނީ ޕާލަމެންޓްގެ ތާއީދު ލިބިގެންނެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާ ބެހޭ ގޮތުން 2016 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި އިނގިރޭސިވިލާތު ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ތާއީދުކޮށް އިނގިރޭސި ރައްޔިތުންގެ 52 ޕަސެންޓް މީހުން ވޯޓު ދީފައިވާ އިރު އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ހިމެނޭ ސްކޮޓްލެންޑްގެ ރައްޔިތުންގެ 62 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ ޔޫރަޕްގެ އިއްތިޙާދުގައި ދެމިއޮތުމަށެވެ. މިއާ އެކު އެއް އިއްތިޙާދެއްގައި އޮތް މި ދެގައުމުގެ ރައްޔިތުންގެ މަސްލަހަތު ތަފާތުކަންވަނީ ފެނިގެން ގޮސްފަ އެވެ.
އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުގައި ހިމެނެނީ އިނގިރޭސިވިލާތުގެ އިތުރުން ސްކޮޓްލެންޑާއި ވޭލްޒް އާ އުތުރުއައިލެންޑެވެ. ސްކޮޓްލެންޑްގެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ދެމިއޮތުން ކަމަށާއި މިނިވަންކަން އިޢްލާން ކުރުމަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ބަލިކަށިވެ ރޫޅި އަދި ބައިނަލްއަގްވާމީ މުޖްތަމައުގައި އިނގިރޭސި ދައުލަތަށް ލިބިފައިވާ ބާރާއި ގަދަރާއި މަގާމު ގެއްލިގެންދާނެ ކަމެއްކަމަށް ބުނެ އިނގިރޭސި ސިޔާސީ ފަރާތްތަކުން ވަރުގަދަ ޕްރޮޕަގެންޑާތަކެއް ސްކޮޓްލެންޑްގެ ރައްޔިތުންނަށް އަމާޒުކޮށް ފަތުރަމުން ގެންދެ އެވެ.
ސްކޮޓްލޭންޑްގެ ރައްޔިތުން އިނގިރޭސި އިއްތިޙާދީ ދައުލަތުން ވަކިވެއްޖެ ނަމަ ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮތުމުގެ ފުރްސަތު ވެސް އިނގިރޭސިވިލާތަށް ގެއްލިގެންދާނެ އެވެ. ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްކޮޓްލޭންޑް މިނިވަންވެއްޖެ ނަމަ ދުނިޔޭގެ ބޮޑުބާރެއްގެ ގޮތުގައި ދެމިއޮވެވޭވަރަށް ވުރެ ބޮޑަށް އިގްތިސާދީ ގޮތުންނާއި އާބާދީގެ ގޮތުންނާއި އަސްކަރީ ގޮތުން އިނގިރޭސި ދައުލަތް ބަލިކަށިވެގެންދާނެ އެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ސަލާމަތީ މަޖިލީހުގައި އިނގިރޭސިވިލާތަށް ލިބިފައިވާ ދާއިމީ ގޮނޑި މުސްތަގްބަލްގައި އިނގިރޭސިވިލާތަށް ގެއްލުމުގެ ފުރްސަތު ވެސް ކުޑައެއްނޫނެވެ. (ނޫސްއެޖެންސީތައް)