ވްލަޑިވޮސްޓޮކް (އެޕްރީލް 25) : އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގްއުން އާއި ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ސަމިޓް ބައްދަލުވުން ރަޝިޔާގެ ވްލަޑިވޮސްޓޮކްގައި ފެށިއްޖެއެވެ.

މި ސަމިޓާ ހަވަލާދީ ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނާގޮތުން ސަމިޓްގައި ދެބޭފުޅުން އިސްކަންދެއްވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭގޮތުންނާއި އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމުގެ މަޝްވަރާތަކަށެވެ. މިގޮތުން އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް ޓްރަމްޕާއި ކިމް ޖޮންގް އުން ކުރައްވާފައިވާ މަސައްކަތްތަކަށް ޕޫޓިން ތާއީދުކުރައްވައި ވާހަކަ ދައްކަވާފައިވާ ކަމަށް ޒިންހުވާ ބުނެއެވެ. އަދި އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު ދަތިކުރުމުގެ ފިޔަވަޅުތަކުން އުތުރުކޮރެޔާއަށް ލުއިދިނުމަށާއި ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށްވެސް ތާއީދުކުރައްވާކަން ޕޫޓިންވަނީ ހަމަކުރައްވާފައެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލާގައި ޓްރަމްޕާއި ކިމް ޖޮންގް އުން ދާދިފަހުން ވިއެޓްނާމްގައި ބޭއްވި ސަމިޓް ނާކާމިޔާބުވީ އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އުވާލުމުގެ ކުރިން އުތުރުކޮރެޔާގެ ނިއުކްލިޔަރ ހަތިޔާރުތައް ހަލާކޮށްލައި ނިއުކްލިޔަރ ރިއެކްޓަރުތައް ރޫޅާލައި އެތަންތަނުގައިވާ ނިއުކްލިޔަރ މާއްދާތަކައި މެޝީނަރީ އެމެރިކާއަށް ގެންދިޔުން ޝަރުތުކޮށް ޓްރަމްޕް ވާހަކަ ދެއްކެވުމުން ކިމް ޖޮންގް އުން އެކަމާ ކޯފާވެވަޑައިގަތުމާ ގުޅިގެންނެވެ.

އެމެރިކާގެ މިހަރުކަށި ސްޓޭންޑްގެ ފަހަތުގައި ތިއްބެވި ކަމަށްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޮންބޯލްޓަން އެވެ. މިއީ ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ އެންމެ ހަރުކަށި ވިސްނުމުގެ ދެބޭފުޅުންނެވެ. އުތުރުކޮރެޔާއިން ދާދިފަހުންވަނީ މިދެ ބޭފުޅުން ނިއުކްލިޔަރ ވާހަކަތަކުން އެއްފަރާތް ކުރުމަށް ޓްރަމްޕަށް ގޮވާލާފައެވެ.

ރަޝިޔާގެ ރައީސް ވްލަޑީމީރު ޕޫޓިން އާ ބައްދަލުކުރެއްވުމަށްޓަކައި އުތުރުކޮރެޔާގެ މަތީފެންވަރުގެ ވަފްދަކާއެކު ކިމް ޖޮންގްއުން ރަޝިޔާގެ ވްލަޑިވޮސްޓޮކްއަށް ވަޑައިގަތީ ބުދަދުވަހުއެވެ. މިއީ މިދެބޭފުޅުންގެ ފުރަތަމަ ސަމިޓް ބައްދަލުވުމެވެ.

ރަޝިޔާއަކީ އުތުރުކޮރެޔާއާ ގާތްގުޅުންތައް ބާއްވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވާއިރު އުތުރު ކޮރެޔާގެ ނިއުކްލިއަރ މައްސަލަ ހައްލުކުރުމަށް އެހީތެރިވުމުގައިވެސް ރަޝިޔާގެ ދައުރު ވަރަށް ބޮޑެވެ. އުތުރު ކޮރެޔާގެ ނިއުކްލިއަރ މައްސަލަ ހައްލުކުރުމާބެހޭގޮތުން 2009 ވަނަ އަހަރު ދެ ކޮރެއާ އާއި ޖަޕާނާ އެމެރިކާ އަދި ޗައިނާ ހިމެނޭގޮތަށް ބޭއްވި މަޝްވަރާތަކުގައިވެސް ރަޝިޔާ ބައިވެރިވެފައިވެއެވެ. އަދި އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު ދަތިކުރުމުގެ ފިޔަވަޅުތަކުން އުތުރުކޮރެޔާއަށް ލުއިދިނުމަށާއި ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށްވެސް ރަޝިޔާއިން ގޮވާލާފައިވެއެވެ. (ޒިންހުވާ)