ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭ ގުޅީފަޅުގައި ބޯހިޔާވަހިކަން ފޯރުކޮށް ދެވޭނެ ކަމުގެ ސިގްނަލެއް ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އާއި ހޯމް މިނިސްޓަރު ހަސަން އަފީފު ދެއްވައިފި އެވެ،

ގުޅީފަޅު ތަރައްގީ ކުރަމުންދާ ޖީޕީޑިން އިން ގުޅީފަޅުގައި އަޅަން ހަމަޖެހިފައިވާ ގްލޯބަލް ޕްރޮސްޕެރިޓީ ފްލެޓް އެޅުމުގެ ފުރަތަމަ ފިޔަވަހީގެ ބިންގާ އަޅަން މިއަދު ގުޅިފަޅުގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވީ ކުރިޔަށް އޮތް ހަމަސް ތެރޭގައި ގުޅީފަޅުގައި މިއަދު ބިންގާ އެޅި ފްލެޓްތައް އަޅައި ނިމި މީހުން އާބާދު ކުރެވޭނެ ކަމަށެވެ. އަދި ޖީޕީޑީގެ އިސް އޮފިޝަލުން ވެސް ވިދާޅުވީ ހަމަސް ދުވަހުގެ ތެރޭގައި މީހުން އާބާދު ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ.
~
ފްލެޓް އެޅުމުގެ ބިންގާ އެޅުމަށް ގުޅީފަޅުގައި އޮތް ރަސްމިއްޔާތުގައި ބިންގާ އަޅުއްވައި ދެއްވުމުގެ ގޮތުން ހައިމާކުން ބިން ކޮންނަން ފައްޓަވައި ދެއްވީ މިނިސްޓަރު ހަސަން އަފީފާއި މާލޭގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) އެވެ. ދެ ބޭފުޅުން ހައިމާކުގައި ބިން ކޮނެދެއްވީ ގުޅިފަޅުގެ ހުޅަނގު ދެކުނު ފަރާތު ފްލެޓް އަޅާ ބިމުގައެވެ.

ގުޅިފަޅުގައި ހުންނަވައި އަފީފު ވިދާޅުވީ ގުޅީފަޅު ތަރައްގީ ކޮށް އެ ތަނުގައި އަޅާ ފްލެޓް ތަކަކީ އެމްޑީޕީގެ ސަރުކާރުގެ ފަސް ވައުދުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ވެފައިވާ ވައުދުގެ ދަށުން އަޅާ ފްލެޓް ތަކެއް ކަމަށާއި ގުޅީފަޅު ތަރައްގީ ކޮށް ނިމޭ އިރު މާލޭގައި ދިމާވެފައިވާ ތޮއް ޖެހުމުގެ މައްސަލަ އަށް ވެސް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
"މިއަދު ބިންގާ އެޅޭ މި މަޝްރޫއަކީ ސަރުކާރުގެ ފަސް ވައުދުގެ ތެރެއިން ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރި ވައުދުގެ ދަށުން އެޅޭ ފްލެޓް ތަކެއް. ގުޅިފަޅު ތަރައްގީކޮށް ނިމި މީހުން ދިރިއުޅެން ފެއްޓުމުން މާލޭގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަށް ލުއެއް ލިބޭނެ،" އަފީފް ވިދާޅުވިއެވެ.

http://sun.mv/albums/l_2025.jpg

ޖީޕީޑީން ބުނީ ބިންގާ އެޅި މަޝްރޫއުގެ ދަށުން ދެ ގޮތަކަށް ފްލެޓް އަޅާނެ ކަމަށެވެ. އެއީ މުޖުތަމައުގެ ބޭނުންތަކަށް ބެލުމަށްފަހު ދޫކުރާ 600 އަކަ ފޫޓް (ދެ ކޮޓަރީ)ގެ 240 އެޕާޓްމަންޓް ނުވަތަ 1200 އަކަ ފޫޓް (ހަތަރު ކޮޓަރި)ގެ 120 އެޕާޓްމަންޓްތައް ކަމަށެވެ.

އެ ކުންފުނިން ބުނީ ގުޅީފަޅުގައި ފްލެޓް އެޅުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރު 1000 ފްލެޓް އެޅުމުގެ މަޝްރޫއު ފަށާނެ ކަމަށެވެ. އަދި މިސްކިތަކާއި ތިން ކްލާސް ރޫމްގެ ޕްރީ ސްކޫލަކާއި އެމިއުޒްމެންޓް ޕާކެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. އެ ކުންފުނިން ބުނީ ޖަޕާނާއި ޗައިނާ އިން ކުޅޭ ސާމާނު ގެންނަން ނިންމާފައިވާ ޕާކުގެ މަސައްކަތް ޑިސެމްބަރުގައި ފަށާނެ ކަމަށެވެ. މިސިތުގެ އިމާރާތުގެ ބިންގާ ކުރިން އަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ހޯމް މިނިސްޓަރާއި މޭޔަރުގެ އިތުރުން ޖީޕީޑީގެ ވެރިންނާއި ޑ ފްލެޓް ގަތުމަށް ހުށަހަޅާފައި ތިބި އާއްމުން ބައިވެރިވި އެވެ.