25 Apr 2019, 09:40
އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެން، އެ ސްކޫލްގެ ޑިޖިޓަލް ލައިބުރަރީ މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
އެކަމުގައި މުނާސަބަތުގައި މިއަދު ވަރަށް ހެނދުނާ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއް ރައީސް ސޯލިހު ޝަރަފުވެރި ކޮށްދެއްވި އެވެ. އެމަނިކުފާނު ވަނީ، އެ ރަސްމިއްޔާތުގެ ތެރެއިން އިސްކަންދަރު ސްކޫލްގެ ޑިޖިޓަލް ލައިބްރަރީ، "ނޮލެޖް ހަބް" އިފްތިތާހުކޮށްދެއްވައިފަ އެވެ. އަދި އިސްކަންދަރު އޮކެސްޓްރާ ބޭންޑް ވެސް ރައީސް މިއަދު އިފްތިތާހު ކޮށްދެއްވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ "ސޭވިން އަވާ ބިލަވްޑް ޕްލެނެޓް"ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް ހުޅުއްވައިދެއްވައިފަ އެވެ.
މި ހަފްލާގައި އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެސްކޫލުން ދިން ހަނދާނީ ފިލާ އެފަރާތްތަކާ ރައީސް ހަވާލުކޮށްދެއްވި އެވެ.
މި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކުރުވުމުގެ ގޮތުން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ ތިމާވެއްޓާ ރަށްޓެހި ފުޅި ވެސް ހަވާލުކުރި އެވެ.
ރައީސް ސޯލިހު ވަނީ ވަނީ އިސްކަންދަރު ސްކޫލުގެ ”އީ ލައިބްރަރީ“ ބައްލަވާލެއްވުމަށްފަހު އެ ސްކޫލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިވެސް ކުރައްވައިފަ އެވެ.