24 Apr 2019, 22:48
ނިމިދޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރ. މަޑުުއްވަރީ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވާފައިވާ އާދަމް ޝަރީފަށް މަޖިލީސް އިންތިހާބުގައި ލިބުނު ކާމިޔާބީ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު މެންބަރެއްގެ ގޮތުގައި ހުރެ ސަރުކާރު ޒިންމާދާރުކުުރުމަށް ވާހަކަ ދައްކަވާނެ ކަމަށާއި ދާއިރާގެ ތަރައްގީ އަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ލިބޭ ފެހި ސިގުނަލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރެވިގެންދަނީ ވަރަށް ބޮޑަށް އިދިކޮޅު ބޭފުޅުންނާއެކުވެސް މަސައްކަތް ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި. އެހެން މި ދެންނެވީ އަޅުގަނޑު ހޮވުމަށްފަހު ރައީސް އަޅުގަނޑަށް ގުޅުއްވާ ތަހުނިޔާ ދެންނެވި. އަދި އެއަށްފަހުގައި ރޭގަ ސިފައިންގެ އަހަރީ ޖަލްސާގެ ތެރެއިން ބައްދަލުވުމުންވެސް ރައީސް ވިދާޅުވި ގައުމީ މަސްލަހަތު އިސްކޮށްގެން ދާއިރާގެ ތަރައްގީ އަށް ކުރަންހުރި މަސައްކަތްތައް ގުޅިގެން ކުރުމަށް ވިސްނުންފުޅު ގެންގުޅުއްވާ ވާހަކަ،"
އާދަމް ޝަރީފް ވިދާޅުވީ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީ އަކީ އިންތިހާބަށް ތައްޔާރުވުމަށް ވަގުތު ނުލިބުމުން ލިބުނު ނާކާމިޔާބީއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ތަރައްގީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަލައިގަތް. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރިޔާސީ އިންތިހާބު ނިމުމަށްފަހު މަޖިލިސް އިންތިހާބާ ދޭތެރޭ ޕީޕީއެމް އަށާ ޕީއެންސީއަށް ހަގީގަތުގައި އިންތިހާބަށް ތައްޔާރުވުމަށް ފުރުސަތެއް ނުލިބޭ،" ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ އެ ދެޕާޓީގެ ސްޓްރެޓެޖީ ރޭވުމަށްވެސް ކުރިމަތިވި ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ދެޕާޓީ އަށް ފަންޑު ކުރަން ތިބި ފަރާތްތައް، ހާއްސަކޮށް ކުރީގެ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައި ހުރުމުން މާލީ ގޮންޖެހުންތައްވެސް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެ އިތުރުން އަޅުގަނޑުމެން އިދިކޮޅުން ނިކުތް ކެންޑިޑޭޓުން އެހެން ޓެގްތަކެއްވެސް ގެންގުޅެން ޖެހުނު. އަނިޔާވެރިކަން، ވައްކަން މި ޓެގުތަކާ ދެކޮޅަށް ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހުނު،"