ޤާހިރާ (އޮކްޓޯބަރ 19) : ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ހައްޔަރުކުރި އިސްރާއީލުގެ ސިފައިންގެމީހާ ޖަލްޢާދު ޝާލީތު ބޭނުންކޮށްގެން ފަލަސްތީނުގެ ގިނައަދަދެއްގެ އަސީރުން މިނިވަންކުރެވުމަކީ ފަލަސްތީނުގެ މިނިވަން ކަމުގެ ޖިހާދަށް ލިބުނު ކާމިޔާބީއެއް ކަމަށް ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދް މިޝްޢަލް ވިދާޅުވެއްޖެއެވެ.

އަސީރުން ބަދަލުކުރުމަށް އިސްރާއީލާއެކު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރްޙަލާގެ ދަށުން ފަލަސްތީނުގެ 477 މީހަކު އިސްރާއީލުގެ ޖަލުތަކުން މިނިވަންކުރެވުމުގެ އުފަލުގައި ޤާހިރާގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިޝްޢަލް ވިދާޅުވީ ޙަމާސް އިން 2006 ވަނަ އަހަރު އަސީރުކުރި އިސްރާއީލު ސިފައިންގެ މީހާ ޖަލްޢާދު ޝާލީތު، އިސްރާއީލަށް އަތުނުލެވޭގޮތަށް 5 އަހަރު ޣައްޒާގައި ގެންގުޅެވިފައިވުމީ ފަލަސްތީނު މުޖާހިދުންގެ ޤާބިލްކަމާއި ކުޅަދާނަ ކަމާއި ލޯހުޅުވުން ހާމާކޮށްދޭ ކަމެއް ކަމުގައެވެ.

މިޝްޢަލް ވިދާޅުވީ ޝާލީތުގެ ބަދަލުގައި ފަލަސްތީނުގެ ގިނައަދަދެއްގެ އަސީރުން މިނިވަންކުރުމަށް އިސްރާއީލުން އެއްބަސްވީ އޭނާ މިނިވަންކުރުމަށް ފަސްއަހަރުވަންދެން އިސްރާއީލުން ކުރި ބުރަމަސައްކަތް ނާކާމިޔާބުވުމުން އެހެންގޮތެއް ނެތިގެން ކަމުގައެވެ. ޝާލީތު މިނިވަންކުރުމަށްޓަކައި ޙަމާސްއަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން 2008 ވަނައަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަކޮށް ޣައްޒާގެ ބޮޑުބައެއް ހަލާކުކޮށް ފަލަސްތީނުގެ އެތަށްބަޔަކު ޝަހީދުކޮށްލިއިރުވެސް އޭނާ މިނިވަންކުރުމަށް ޙަމާސް އިން ދެކޮޅު ހަދާފައިވަނީ އިސްރާއީލުގެ ޖަލުތަކުގައި ވޭންއުފުލަމުންދާ ފަލަސްތީނުގެ އެތަށް ހާސް ބައެއްގެ ޙައްޤުގައި އެމީހުން މިނިވަން ކުރުމުގެ މާތް މަޤްސަދްގައި ކަމަށް މިޝްޢަލް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޝާލީތުގެ ބަދަލުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ އަސީރުން މިނިވަންކުރެވުނީ ފަލަސްތީނުގެ ރައްޔިތުން ޖާނާއި މާލާއި ފުރާނައިން ބޮޑު ޤުރްބާނީތަކެއް ވެގެން ކަމަށް މިޝްޢަލް ވިދާޅުވިއެވެ. އަދި އިސްރާއީލާ ވާހަކަ ދައްކައިގެން ކާމިޔާބުވާނީ ބާރުއޮގެން ދައްކާވާހަކަ ތަކަކުން ކަމަށާއި އަސީރުން ބަދަލުކުރުމުގެ ވާހަކަތައް ކާމިޔާބުވެ ޙަމާސްއެދުނު ގޮތަށް އެކަން ނިމިގެންދިޔައީ ޙަމާސްގެ އަތްދަށުގައި އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރެވޭނެ ބާރުކަމަށްވާ ޖަލްޢާދު ޝާލީތު ހުރުމުން ކަމަށްވެސް މިޝްޢަލް ވިދާޅުވިއެވެ.

ޖާސޫސުންނާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވޭތުވެދިޔަ ފަސްއަހަރު ޝާލީތު ހޯދުމަށް އިސްރާއީލުން ބޮޑެތި މަސައްކަތްތަކެއްކޮށް އެތަށް މިލިޔަން ޑޯލަރެއް ޚަރަދުކޮށް އިސްރާއީލު ސިފައިންގެ އެތަށް ބައެއްގެ ފުރާނަ ދުއްވާލައިގެން އިސްރާއީލު ކުރި މަސައްކަތް މުޅިން ނާކާމިޔާބުވެފައިވާ ކަމަށާއި އިސްރާއީލުގެ މި ނާކާމިޔާބީގެ ފަހަތުގައިވަނީ ފަލަސްތީނުގެ މުޖާހިދުންގެ ހިތްވަރާއި ހުޝިޔާރު ކަމާއި ކެތްތެރިކަމާއި ޖިހާދުގެ މަތިވެރި ރޫޙުގެ ކަމަށްވެސް މިޝްޢަލް ވިދާޅުވިއެވެ.

ޝާލީތުގެ ބަދަލުގައި ފަލަސްތީނުގެ 1027 މީހަކު މިނިވަން ކުރުމަށް އިސްރާއީލު އެއްބަސްވެ މިއެއްބަސްވުމުގެ ފުރަތަމަ މަރްޙަލާގެދަށުން އިއްޔެ ޝާލީތު މިނިވަންކުރުމާއެކު އިސްރާއީލުވަނީ ފަލަސްތީނުގެ 477 މީހަކު މިނިވަންކޮށްފައެވެ. ބާކީ 550 މީހުން މިނިވަންކުރުމަށް ހަމަޖެހިފައިވަނީ ދެމަސްފަހުންނެވެ. އަސީރުން މިނިވަން ވުމުން ފަލަސްތީނުގެ ރައްޔިތުން ގެންދަނީ އުފާފާޅުކޮށް އިޙްތިފާލްތައް ބާއްވަމުންނެވެ. -- އަލްޖަޒީރާ